އަނެއްކާވެސް ފައިލޭރިއާ އަށް ޕޮޒިޓިވް ވެފައިވާ ތިން ބިދޭސީއަކު ފެނިއްޖެއެވެ.
މިފަހަރު ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވަނީ މިފްކޯގައި މަސައްކަތް ކުރާ ބައެކެވެ.
މިކަމާއި ގުޅިގެން މިފްކޯގެ މީޑިއާ އޮފިޝަލެއް ވިދާޅުވެފައިވަނީ ގއ. ކޫއްޑޫ މަސް ފެކްޓަރީގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީން މިދިޔަ ބުރާސްފަތި ދުވަހު ސްކްރީން ކުރުމުން، ތިން ބިދޭސީއަކު ވަނީ ފައިލޭރިއާއަށް ޕޮޒިޓިވް ވެފައި ކަމަށެވެ.
ފައިލޭރިއާއަށް ޕޮސިޓިވް ވި ތިން މީހުންނަކީވެސް އިންޑިޔާއަށް ނިސްބަތްވާ މީހުން ކަމަށްވެސް ވަނީހާމަކޮށްފައެވެ.
މިހާރު އެ ތިން މީހުންނަށްވެސް ވަނީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާ ދީފައިކަމަށާއި، ތިން މީހުންވެސް ފަރުވާއަށްފަހު މަސައްކަތަށް ނުކުމެފައިވާކަމަށް މިފްކޯގެ އޮފިޝަލް ބުނެފައިވެއެވެ.
ދިވެހިރާއްޖެއަކީ 2016 ވަނަ އަހަރު، ފައިލޭރިއާ ނައްތާލާފައިވާކަމަށް ޑަބްލިއުއެޗްއޯއިން ކަނޑއަޅާފައިވާ ޤައުމެކެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހދ. ކުޅުދުއްފުށީގައި ހެދި ރެންޑަމް ސްކްރީނިންއަކުން ވަނީ ފައިލޭރިއާ ޖެހިފައި ތިބި ބިދޭސީންތަކެއް ފެނިފައެވެ.
ދިވެހިރާއްޖޭގައި މިހާރު ފައިލޭރިއާ ހުރި ވަރު ބެލުމަށް އެޗްޕީއޭއިން ވަނީ ސްކްރީނިން ޕްރޮގްރާމެއް ހިންގުމަށް ނިންމައި ފައިލޭރިއާ ފެތުރޭ މިންވަރު ބެލުމަށް ސާވޭއެއްވެސް ވަނީ ފަށައިފައެވެ.







