އައިޓީބީ ޗައިނާ 2024 ގެ އޮފިޝަލް ޕާޓްނަރ މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ ކަނޑައަޅައިފިއެވެ.
މި މަހުގެ 27 އިން 29 އަށް ޗައިނާގެ ޝަންހާއީގައި ބާއްވާ އައިޓީބީ ޗައިނާ 2024 ގެ އޮފިޝަލް ޕާޓްނަރ މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ ކަނޑައެޅިކަން އައިޓީބީ ޗައިނާއިން އިއުލާންކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މި ކަމާ ގުޅިގެން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ފާތުމަތު ތައުފީގު ވިދާޅުވީ، ރާއްޖޭގެ ގްލޯބަލް ޕާޓްނަރުންނާއި ޗައިނާގެ ޓްރެވަލް ޓްރޭޑާ ގުޅިގެން، ރާއްޖެއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ލިބޭ މި ރަނުގެ ފުރުސަތާމެދު އުފާކުރާކަމަށެވެ.
އައިޓީބީ ޗައިނާ 2024 ގެ އޮފިޝަލް ޕާޓްނަރ ޑެސްޓިނޭޝަނަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ފާތިމަތު ތައިފީގު ވިދާޅުވެފައިވެއެވެ.
މި ޝޯގެ ތެރެއިން އެމްއެމްޕީއާރުސީއިން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށްތަފާތު އެކިއެކި ހަރަކާތްތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
އެގޮތުން އައިޓީބީ ޗައިނާގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވެސް ދިވެހިރާއްޖޭގެ ޘަޤާފަތާއި ތަރިކަ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފޯރުކޮށްދެވޭނެއެވެ.
މި ޕާޓްނަޝިޕްގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން މިހާރަށްވުރެވެސް އިތުރުވެގެން ދާނެއެވެ.






