Close

ފަލަސްޠީނަށް އ.ދގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ރާއްޖެއިން ގޮވާލައިފި!

ފަލަސްޠީނަށް އ.ދގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ދިވެހިރާއްޖެއިން އ.ދގެ ސަލާމާތީ މަޖިލީހުގައި އަނެއްކާވެސް ގޮވައިލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު އ.ދ ގެ އާއްމު މަޖިލީހުން "އެޑްމިޝަން އޮފް ނިއު މެންބަރު ސްޓޭޓްސް ޓު ދަ ޔުނައިޓެޑް ނޭޝަންސް"ގެ ނަމުގައި، ފަލަސްތީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ގޮވާލާ ފާސްކޮށްފައިވާ ގަރާރާއި ގުޅިގެން، ބޭއްވުނު އ.ދ.ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި ރާއްޖެއިން ވަނީ، އާންމު މަޖިލީހުން ފާސްކުރި ގަރާރަށް މެންބަރު ގައުމުތަކުން ލިބުނު ތާއީދަކީ ސަލާމަތީ މަޖިލީހަށް ފޮނުވުނު ވަރުގަދަ މެސެޖެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އަދި ފަލަސްޠީނުގެ ރައްޔިތުން ކުރިމަތިލާންޖެހިފައިވާ ހިތްދަތިކަމާއި ތަހައްމަލުކުރަމުންދާ އަނިޔާތައް ހުއްޓުމަށް އަވަސް ފިޔަވަޅު އަޅައި، އިސްރާއީލުގެ އަމަލުތަކަށް އެގައުމު ޖަވާބުދާރީކުރުމަށް އދ.ގެ މެމްބަރު ގައުމުތަކަށް ރާއްޖެއިން ވަނީ އަޑުހަރުކޮށް ގޮވާލާފައެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް އޮތް ހަމައެކަނި ގޮތަކީ، 1967ގެ ކުރިން ފަލަސްޠީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމުކުރުން ކަމަށް ވެސް ދިވެހިރާއްޖޭގެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް 143 ޤައުމަކުން ވަނީ ރުހުން ދީފައެވެ.

އަދި ވޯޓުގައި ބައިވެރިވި އދ. ގެ 9 މެންބަރު ޤައުމަކުން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ހުށަހެޅި ގަރާރު ފާސްކުރުމާ ދެކޮޅަށް ވޯޓުދީފައިވާއިރު އަދި 25 ޤައުމަކުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމާފައެވެ.

މި ގަރާރަކީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އަރަބް ގުރޫޕްގެ ފަރާތުން ހުށަހެޅި ގަރާރެކެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top