ޢިމާރާތްކުރުމުގެ މަސައްކަތް ކުރާ ސައިޓްތަކާއި އާންމުން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޑިސީ އިން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މި ދުވަސްވަރަކީ މޫސުން ގޯސް، ވިއްސާރަ އަދި ވައިގަދަ ދުވަސްވަރަކަށް ވާތީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުން ހުޅުމާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓްތަކުގައި ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ހުރިހާ ކޮންޓްރެކްޓަރުންނަށާއި ޢާންމު ފަރާތްތަކަށްވެސް އިލްތިމާސްކުރާ ކަމަށެވެ.
އަދި، ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ބައެއް ކަންކަން އެޗްޑީސީއިން ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮންސްޓްރަކްޝަން ސައިޓުތަކުގެ ވަށައިގެން ޖަހާފައިވާ ސޭފްޓީ ނެޓް އަދި ޓިނު ފަދަތަކެތި ރަނގަޅަށް ހަރުކޮށްފައިވޭތޯ ބެލުމަށާއި ބެލްކަނިތަކާއި ޓެރެސް ފަދަ ތަންތަނުގައި ބަހަށްޓާފައިވާ އާންމުންނަށް ގެއްލުންވާ ފަދަ ތަކެތި ނެގުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ބޭރަށް ހުޅުވޭ ގޮތަށް ހުރި ފެން ލައިޓާއި ދޮރު ފަދަ ތަންތަނުން ގޭތެރެއަށް ފެން ނުވަންނާނެ ގޮތަށް ބަންދު ކުރުމަށް ވެސް އެޗްޑީސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އެޗްޑީސީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދީގެން، ޚާއްސަކޮށް ކޮޅިގަނޑުގެ ތެރޭގައި ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވެ ތިބުމަށް ހުރިހާ ފަރާތްތަކަށްވެސް އެޗްޑީސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.






