އިސްލާމިކް ޔުނިވަރސިޓީ އޮޮފް މޯލްޑިވްސް ގައި މަސައްކަތް ކުރައްވާ ފަލަސްޠީނުގެ މުދައްރިސް ޕްރޮފެސަރ ހަސަން ކުރުދީގެ އާއިލާ އައިޔޫއެމްގެ މަސައްކަތާއި އެކު ރާއްޖެ ގެނެސްފިއެވެ.
ޕްރޮފެސަރ ކުރުދީގެ އާއިލާ ރާއްޖެ ގެނެސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ޑރ.ކުރްދީގެ އާއިލާ ޣައްޒާގައި ދިރިއުޅެމުން އައި ގެޔަށް ޔަހޫދީން ބޮން އަޅައި ސުންނާފަތި ކޮށްލުމުގެ ސަބަބުން، އެއާއިލާ ވަގުތީ ގޮތުން ދިރިއުޅެމުން އައީ ރަފަހްގައި ހުރި ކޭމްޕެއްގައެވެ.
ނަމަވެސް އެތަންވެސް ރައްކާތެރި ތަނަކަށް ނުވުމުން، އެމީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ކުރްދީ ވިދާޅުވެފައިވަނީ ނިމިދިޔަ ރޯދަމަހުގެ ތެރޭގައެވެ.
އެއާއިއެކު އައިއޭސީ އިން ވަނީ ޕްރޮފެސަރ ކުރުދީއާއި ބައްދަލުކޮށް އޭނާގެ އާއިލާ ޣައްޒާއިން ނެރެ، ތުރުކިޔޭ މަގުން ރާއްޖެ އައުމަށް ދާނެ ހުރިހާ ޚަރަދެއްވެސް ހަމަޖައްސައިދޭނެ ކަމަށް ބުނެފައެވެ.
އެގޮތުން އެ ފައިސާ ކުރުދީއާއި ހަވާލުކޮށްފައިވާއިރު، އޭނާގެ އާއިލާ ޣައްޒާއިން ތުރުކިޔޭއަށް ގެންގޮސް، މިއަދުގެ ވަގުތެއްގައި މިހާރު ވަނީ އެ އާއިލާ ރާއްޖެ އައިސްފައެވެ.
ޑރ.ކުރްދީގެ އާއިލާގެ އިތުރުން، ޖެނުއަރީ މަހުގެ ތެރޭގައި އައިއޭސީގެ ހަރަދުގައި ދިވެއްސަކަށް ނިސްބަތްވާ ފަލަސްތީނުގެ އާއިލާއެއްގެ ހަތް މެމްބަރުންވެސް ވަނީ މިސްރަށް ގެންގޮސްދީފައެވެ.
އައިއޭސީ އިން ދަނީ ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އަދި ދިވެހިންގެ ދީލަތި އެހީ މެދުނުކުނޑި ދަނީ ޣައްޒާއަށް އެހީދިނުމަށް ދަނީ އައިއޭސީއާއި ހަވާލުކުރަމުންނެވެ.






