އިލްމު އުނގެނުމަކީ ސުވަރުގެއަށް ވާސިލް ކޮށްދޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
“ދިރާސީ އައު އަހަރު” މިމަޢުޟޫއަށް މިއަދު އިއްވެވި ހުކުރު ޚުތުިބާގައި ބުނެފައިވަނީ ޢިލްމު އުނގެނުމަށް ވަކި ޢުމުރެއް ނޯންނަ ކަމަށާއި، ވަކި ޖިންސެއް ނޯންނަ ކަމަށެވެ. އަދި މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރާން ޖެހޭނެކަމަސް ޚުތުބާގައި ބުނެފައިވެއެވެ.
“މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭ، އެއީ، ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަމެއް” ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން ޚުތުބާގައި ބުނެފައިވަނީ ޢިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއް ކަމަށެވެ. އަދި ޢިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ ޢިލްމާއި އާޚިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ ޢިލްމު ހިމެނޭ ކަމަށާއި ޢިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި ޢިލްމަކީ އަރަހުށި މާތް ﷲ ގެ އެއްކައުވަންތަކަން މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމުކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އަދި ޢިލްމުގެ އަހުލުވެރިންނަކީ މާތް ﷲ އެބައެއްގެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ބައެއް ކަމަށާއި، ކީރިތި ޤުރްއާނުގައި މާތް ﷲ ޢިލްމުވެރިންނަށް ތަޢުރީފުގެ ބަސް ވަޙީކުރައްވާކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަަމް އަށް އެއްޗެއް އިތުރުކޮށްދެއްވުން އެދިވަޑައިގެން އެކަލާނގެއަށް ދުޢާ ދެންނެވުމަށް އަމުރު ކުރައްވާފައިވަނީ ހަމައެކަނި ޢިލްމުވެރިކަން އިތުރުކޮށްދެއްވުމަށް ކަމަށް މިއަދުގެ ޚުތުިބާގައިބުނެފައިވެއެވެ.
ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރީން ކަމަށާއި ނަބީބޭކަލުން ވާރުތަ ކުރެއްވީ ޢިލްމް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ދުނިޔަވީ އެއްވެސް މާއްދީ މުދަލެއް އެ ބޭކަލުންގެ ކިބައިން ވާރުތަ ނުވާނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
“އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ސުވަރުގެއަށް ދިއުމަށް ޝައުޤުވެރިވާނެކަން ކަށަވަރު، މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި ޢިލްމު އުނގެނުމަށް މަސައްކަތް ކުރުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭނެ މަގެއް” ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.
މި ފެށޭ ދިރާސީ އަހަރަކީ ތިމާމެންގެ ދަރީންނަށާއި ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނަށް ހުރިހައި ގޮތަކުންވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް މިއަދުގެ ޚުތުބާގައި ގޮވައިލައިފައިވެއެވެ.
އަދި އެފަދައިން ގަދައަޅައި މަސައްކަތްކޮށް އެ ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ ޢިލްމު ހޯދައިދިނުމަށް އެހީތެރިވެދިނުމަށާއި، އެ ކުދިންނަކީ އަޚްލާޤު ރަނގަޅު ކިޔަމަންތެރި، މައިންބަފައިންނާއި ބެލެނިވެރިންގެ ބަސްއަހާ ކުދިންތަކަކަށް ހެދުމުގެ ބުރަ ބޮޑު ޒިންމާއަށް އިހުމާލު ނުވުމަށްވެސް ޚުތުބާގައި އިލްތިމާސްކޮށްފައިވެއެވެ.
ކުދީންނަށް އަދާކުރަންޖެހޭ އެންމެހައި ޙައްޤުތައް ކުޅަދާނަވީ އެންމެ ބޮޑަކަށް އަދާކުރެވޭތޯ ބެލުމަށް ބެލެނިވެރިނަށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
“ތިޔަ ދަރިވަރުންނަކީ މާދަމާ ޤައުމުގެ ވަޙްދަތު ޙިމާޔަތްކޮށް، ޤައުމުގެ ބަހާތައް ނަގަހައްޓަން ތިބޭނެ ކުދިންކަން ދަންނާށެ، މާތް ﷲ ތިޔަ ދަރިވަރުންގެ ޢުމުރުގައި ބަރަކާތްލައްވައި ޢިލްމުވެރި މޮޅު ދަރިންތަކަކަށްވާނީ، އެކަލާނގެ އެންގެވި ގޮތަށް ޢަމަލުތައް ބަހައްޓައި މައިންބަފައިންނަށް ހެޔޮކޮށްހިތައި، މުދައްރިސުންނަށް އިޙްތިރާމްކޮށް، ޢިލްމު ހޯދުމަށް ގަދައަޅައި މަސައްކަތް ކޮށްގެންކަން ދަންނާށެ” ދަރިވަރުންނަށް ނަސޭހަތް ދެމުން ޚުތުބާގައި ބުނެފައިވެއެވެ.






