ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު މިއަހަރުގެ ތިމާވެށީގެ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފާއިތުވެދިޔަ 6 މަސްދުވަހު ކޮށްފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް ވިދާޅުވީ، ބައިނަލްއަގުވާމީ ތިމާވެށިގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ޖޫން މަހުގެ 5 ވަނަ ދުވަހު، ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުއެއް އިފްތިތާހް ކުރެވިގެންދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މީގެ މުހިންމު ކަމަކީ ތިމާވެށިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތި ދިޔުމުގެ ބޮރު ހީވެފައިވާ ގަސްގަހާއިގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަ ކުރުން ކަމަށެވެ.
5 މިލިއަން ގަސް އިންދުމިގެ މި މަޝްރޫއަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި 5 މިލިއަން ގަސް 5 އަހަރުގެ ތެރޭގައި އިންދުމަކީ އަމާޒުކަމަށްވެސް ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
މި މަސައްކަތުގެ ތެރެއިން މަޝްރޫއުގައި އިންދުމަށް އަހަންމިޔަތުކަންދޭ ގަސްގަހާއިގެހި ދެނެގަނެ، ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ގަސް އިންދާނެ ސަރަހައްދުތައް ފާހަގަކޮށް، ގަސްތަކަށް ނާސަރީ ހަދާނެ ސަރަހައްދުތައް ކަނޑައަޅައި، ނާސަރީ ގާއިމު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން ހަތަރު ކެޓަގަރީއެއްގެ ގަސް ހޮވާފައިވާކަމަށާއި، އޭގެ ތެރޭގައި ނެތިގެންދިޔުމުގެ ބިރު ހީވެފައިވާ ގަހާއި، މޭވާ އަޅާ ގަހާއި، ހިޔާ ލިބޭ ގަހާއި، ދިވެހި ރާއްޖޭގެ ބޭސްވެރިކަމަށް ބޭނުންވާ އެކި ބާވަތުގެ ގަހުގެ އިތުރުން މާގަސް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.






