ޖަމިއްޔާތަކުގެ މަހާސިންތާ 2024 ކާމިޔާބުކަމާއި އެކު ނިންމައިލައިފިއެވެ.
މިމަހާސިންތާ ބާއްވައިފައިވަނީ ގއ ވިލިގިލީ ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ. މިމަހާސިންތާ ތިން ދުވަހަށް ކުރިއަށް ގެންގޮސްފައިވާއިރު މިމަހާސިންތާގައި ރާއްޖޭގެ 61 ޖަމިއްޔާއެއް ވަނީ ބައިވެރިވެފައެވެ.
މި މަހާސިންތާ އަކީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައުއެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ޔޫތު މިނިސްޓްރީން ރާވައި، ކުރިއަށް ގެންދިޔަ މަހާސިންތާއެކެވެ.
މީގެ އިތުރުން މިމަހާސިންތާގައި މުޖުތަމައުގައި (ވަކިވަކި ރަށްރަށުގައްޔާއި އަތޮޅު ތެރޭގައި) ހިގަމުންދާ އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމަށް ވެސް މި މަހާސިންތާގައި ރާވާފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.
ޔޫތު މިނިސްޓްރީން ބުނެފައިވަނީ މި މަހާސިންތާގައި ޖުމުލަ 7 ފަރާތަކުން އެކި މައުޟޫ ތަކަށް ސެޝަންތައް ނަގާދީފައިވާ ކަމަށެވެ.
މި މަހާސިންތާގައި ސެޝަން ތައް ނަގައިދިން ފަރާތްތައް:
1) މޯލްޑިވްސް ޕޮލިސް ސާވިސް
2) ޔޫތު މިނިސްޓްރީ
3) މޯލްޑިވްސް ރެޑް ކްރެސެންޓް
4) ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ)
5) މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
6) އޭޝިއާ ފައުންޑޭޝަން
7) މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ
ޔޫތު މިނިސްްޓްރީން މި މަހާސިންތާގެ ބައިވެރިންނަށާއި ފެސިލިޓޭޓަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދުއެވެ. އަދި ފެސިލިޓޭޓަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓެރީ ފާތިމަތު އަހްމަދުއެވެ.







