Close

ރައީސް ޑރ މުޢިއްޒު ކޮމަންވެލްތްގެ ސެކްރެޓެރީ ޖެނެރަލް އާއި ބައްދަލުކުރައްވައިފި!

ރައީސް ޑރ މުޙައްމަދު މުއިއްޒު ކޮމަންވެލްގެ ސެކްރެޓަރީ ޖެނެރަލް ރައިޓް އޮނަރަބްލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ކޭ.ސީ.އާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް ޑރ މުހައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ކޮމަންވެލްތުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުވަމުންދާކަން ހާމަކުރެއްވިއެވެ. އަދި ކޮމަންވެލްތުގެ ފަރާތުން ކުޅިވަރާއި ޒުވާނުން ބާރުވެރިކުރުވުމާއި ތަޢުލީމާއި ތިމާވެށްޓާއި ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ހާއްސަގޮތެއްގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ސިޑްސްއިން ނެރެވޭނެ ނަތީޖާއާއި ދައުރުގެ މައްޗަށް އަދި ދައުލަތްތަކުގެ ވަސީލަތްތަކާއި އަމިއްލަ ފޯރުންތެރިކަން އިތުރުކުރުމުގެ މައްޗަށް މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، އެންޓީގާ އެންޑް ބާބިޔުޑާގެ ސިޑްސްގެ އެޖެންޑާ ކުރިއަށް ގެންދިއުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވިއެވެ.

ކޮމަންވެލްތުގެ ފަރާތުން ސިޑްސްއަށް އެހީވުމުގައި ކޮމަންވެލްތުގެ ދައުރު އިތުރަށް ފުޅާކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެންޓީގާ އެންޑް ބާބިޔުޑާގެ ސިޑްސް4 ގެ އެޖެންޑާގެ ތެރެއިން ޤައުމުތަކުން އެއްބަސްވާ އެކްޝަން ޕްލޭންގައި ކަނޑައެޅޭގޮތަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބާރުއަޅުއްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއިން ކޮމަންވެލްތާއެކު އޮތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top