Close

ބާބެޑޯސްގެ ސަރުކާރުން ދެއްވި ޚާއްސަ މެހެމާނު ދާރީއަށް ރައީސް މުއިއްޒުގެ ޝުކުރު އެޤައުމުގެ ސަރުކާރަށް!

ބާބެޑޯސްގެ ސަރުކާރުން ރައީސް ޑރ މުޙައްމަދު މުޢިއްޒަށާއި އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުންނަށް ދެއްވި ޚާއްސަ މެހެމާނުދާރީ ފާހަގަ ކުރައްވައި ރައީސް ޑރ މުއިއްޒު ބާބެޑޯސްގެ ސަރުކާރަށް ޝުކުރުއަދާކުރައްވައިފިއެވެ.

ރައީސް ޑރ މުޢިއްޒަށް ބާބެޑޯސް ގެ ބޮޑުވަޒީރު މިއާ އަމޮރް މޮޓްލީ ވަނީ ފޯނުން ގުޅުއްވައި، ޓްރާންސިޓްކޮށް އެ ޤައުމުގައި މަޑުކޮށްލެއްވީތީ މަރްޙަބާއާއި ޝުކުރު ދަންނަވައިފައެވެ.

ރައީސް ޑރ މުޢިއްޒާއި، ބާބެޑޯސްގެ ބޮޑުވަޒީރު، މިއާ އަމޮރް މޮޓްލީ ފޯނުން ދެއްކެވި ވާހަކަފުޅުގައި، އެންޓީގާ އެންޑް ބާބިޔުޑާގައި ނިމިގެން މިދިޔަ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ މަހާސިންތާގެ ކާމިޔާބީތަކަށް އަލިއަޅުވައިލެއްވިއެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުން ރައްކައުތެރިވުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ކުދި ޖަޒީރާ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާމެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ބާބެޑޯސްގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ނިމިގެން ދިޔަ 'ސިޑްސް' ގެ މަހާސިންތާ ގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި، ކުޑަވަގުތުކޮޅަކަށް ނަމަވެސް ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކޮށްލެއްވީތީ ވަރަށް އުފާކުރައްވާކަމުގައި ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅު ނިންމަވައިލައްވައޮިފައިވަނީ، ބާބެޑޯސްގައި މި މަޑުކޮށްލެއްވި ކުޑަ ވަގުތުކޮޅު، އެ ޤައުމުގެ ސަރުކާރުން ކަމޭހިއްތަވައި މެހެމާންދާރީ އަދާކުރެއްވި ފުރިހަމަކަމަށްޓަކައި، އެމަނިކުފާނާއި ދިވެހި ވަފުދުގެ ހުރިހާ ބޭފުޅުންގެ ނަމުގައި ތަކުރާރުކޮށް ޝުކުރު އަދާކުރައްވަމުންނެވެ.

ރައީސް މުޢިއްޒު، ބާބެޑޯސްއިން ފުރާވަޑައިގަންނަވަމުން، އެ ޤައުމުގެ ބޮޑުވަޒީރަށް ފޮނުއްވެވި ޝުކުރުގެ ޚާއްޞަ މެސެޖުގައި، ބާބެޑޯސްގައި މަޑުކޮށްލެއްވި މި ކުޑަ ވަގުތުކޮޅުގައިވެސް އެ ޤައުމުން ފެނިވަޑައިގަތް ރީތިކަމަށް ތާރީފުކުރައްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަތް ވަފުދަށް، ބާބެޑޯސްގެ ބޮޑުވަޒީރާއި އެ ޤައުމުގެ ސަރުކާރުގެ ފަރާތުން އަދާކުރެއްވި ޚާއްޞަ މެހެމާންދާރީ އަބަދުވެސް ހަނދުމަފުޅު ހުންނާނޭކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސްގެ މި މެސެޖުގައި، އެންޓީގާ އެންޑް ބާބިޔުޑާގައި ނިމިދިޔަ މަހާސިންތާގެ ހަވާސާގައި، ބާބެޑޯސްގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުމަށް، މިދިޔަ އަންގާރަ ދުވަހަށް ތާވަލުކުރައްވާފައި އޮތް ނަމަވެސް، ދެބޭފުޅުންގެވެސް އަވަދިނެތިވެ އަދި ވަރަށް ބުރަކޮށް އުޅުއްވަން ޖެހިވަޑައިގަތުމުގެ ސަބަބުން، އެ ބައްދަލުވުން ބޭއްވުމުގެ ފުރުޞަތު ލިބިވަޑައި ނުގަތްކަން ހިތާމައާއެކު ފާހަގަކުރައްވައި، ވަރަށް އަވަހަށް ދެބޭފުޅުން ބައްދަލުވާނޭކަމުގެ އުންމީދު އައުކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top