Close

ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރިންނަށް ނޫސްވެރިކަމުގެ ތަމްރީން ކޯހެއް ފަށައިފި!

ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރިންނަށް ނޫސްވެރިކަމުގެ ތަމްރީން ކޯހެއް ފަށައިފިއެވެ.

އިއްޔެ ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފައިވާ ގޮތުން، މި ކޯހަކީ ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް، ނޫސްވެރިކަމުގެ ދަޢުރު ވިސްނިފައި އޮތުމާއި މިދާއިރާގެ ތަޖުރިބާއަކީ މުހިންމު ކަމެއް ކަމަށް ވާތީ، އެ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ނޫސްވެރިކަމުގެ ތަމްރީނުދިނުމުގެ ކޯހެކެވެ.

އިއްޔެ ފެށި މި ކޯސް، ޖޫން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ކޯހުގައި ޖުމުލަ 24 ގަޑިއިރު ކިޔަވައިދިނުމަށް ނިންމާފައިވާއިރު، ކޯސް ކުރިއަށް ގެންދިޔުމަށް ހަމަ ޖެހިފައިވަނީ އެވުޒާރާގައެވެ.

މި ކޯހުގައި ކިޔަވައިދެއްވާނީ، ނޫސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންކަމަށް ވެސް ދިވެހިބަހާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެގޮތުން، މި ކޯހުގައި ކިޔަވައިދެއްވާ ހުރިހާބޭފުޅުންނަކީވެސް، ނޫސްވެރިކަމުގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، ނޫސްވެރިކަން ނުވަތަ ލިޔުންތެރިކަމުގެ ރޮނގުން ޤައުމީ އިނާމު ހާސިލްކުރައްވާފައިވާ ބޭފުޅުންނެވެ.

ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުންނާއި، ދިވެހި ބަހުގެ ވަޒީރު، އާދަމް ނަސީރު އިބްރާހީމް ވަނީ ބައްދަލުކުރައްވައިފައެވެ. އަދި ކޯސް ކުރިއަށްދާނެ ގޮތާއި، ކޯހުގައި ހިމެނޭ ބައިތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އިއްޔެ ފެށި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ބައިތަކުގެ ތެރޭގައި، ޚަބަރު ދެނެގަންނާނެ ގޮތާއި، ޚަބަރު އެކުލަވައިލައި ލިޔާނެ ގޮތާއި، އިންޓަވިއުކުރާނެ ގޮތާއި ފީޗަރ ރިޕޯޓް ލިޔާނެ ގޮތްތައް ހިމެނެއެވެ. އަދި ނޫސްވެރިކަމުގެ އަޚްލާޤާ ބެހޭ ގޮތުންނާއި ކާމިޔާބު ނޫސްވެރިއަކަށް ވުމުގެ ޢަޒުމާއި ހިތްވަރުގެ މައްޗަށާއި ތަރުޖަމާ ކުރުމުގެ ފަންނުގެ މައްޗަށާއި ނޫސްވެރިކަމުގެ ބަހުގެ ހަމައިގެ މައްޗަށާއި ނިއުސްރޫމް މެނޭޖްމަންޓުގެ މައްޗަށާއި ފޮޓޯ އަދި ވީޑިއޯ ޖާނަލިޒަމްގެ މައްޗަށާއި މީޑިއާގެ ތަފާތު ވައްތަރުތަކުގެ މައްޗަށާއި ފޭކް ނިއުސް ވެސް މި ތަމްރީން ޕްރޮގްރާމްގައި ކިޔައިދޭނެ ކަމަށް ވުޒާރާއިން މައުލޫމާތު ދިނެވެ.

ދިވެހި ޤައުމިއްޔަތު ދިރުވުމުގެ ގޮތުން މި ނޫންވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން ދިވެހި ޤައުމިއްޔަތު ދިރުވުމުގެ ގޮތުން ދިވެހި ދަރިވަރުން ޤައުމިއްޔަތަށް އަހުލުވެރިކުރުމުގެ ގޮތުން މި ފެށުނު ދިރާސީ އައު އަހަރު، 11 ސުކޫލެއްގައި ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ވަނީ ފަށައިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top