Close

ކުރީގެ މަޖިލީހުން ރުހުން ނުދިން ވަަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދު މަޖިލީހަށް!

19 ވަނަ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ހޯދުމަށް މިއަދުގެ މަޖިލީހުގައި ވޯޓު ނެގުމަށް އެޖެންޑާކޮށްފިއެވެ.

19 ވަނަ މަޖިލީހަކީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަކަށް ވާއިރު މި ސަރުކާރުން ވަޒީރު ކަމަށް އައްޔަނުކުރި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި، ޑރ. އަލީ ހައިދަރު އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަށް ވަނީ އެމަޖިލީހުން ރުހުން ނުދީއެވެ.

އެގޮތުން، ދައުރުން ބޭރުގައި، ޖަނަވަރީ 29 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބަންޑާރަ ނާއިބު އުޝާމް އަށް ރުހުން ދޭން 24 މެންބަރުން ވޯޓުލާފައިވާއިރު، އޭނާއަށް ރުހުންދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓުލާފައިވެއެވެ.

އުޝާމް އަށްފަހު ވަޒީރު ޝަހީމް އަށް ރުހުން ދިނުމަށް ވޯޓަށް ހުޅުވާލުމުން ވޯޓުގައި ބައިވެރިވި 31 މެންބަރުން ރުހުން ނުދޭން ވޯޓުލާފައި ވެއެވެ. އަދި ރުހުން ދޭން 30 މެންބަރުން ވޯޓުލާފައި ވާއިރު ވަކި ގޮތަކަށް ވޯޓު ނުދޭ 8 މެންބަރުން ތިއްބެވެ. އެހެންކަމުން އެއް ވޯޓާއި އެކު ޑރ ޝަހީމަށް ރުހުން ދޭން ނުފެންނަކަމަށް ވަނީ ފާސްވެފަ އެވެ. ރުހުން ދޭން ފެންކަމަށް ފާސް ވާން ބޭނުން ވަނީ 31 ވޯޓެވެ.

މީގެ އިތުރުން ވަޒީރު ޑރ. ހައިދަރަށް ރުހުން ނުދޭން 46 މެންބަރުން ވޯޓު ދީފައި ވާއިރު އޭނާ އަށް ރުހުން ދިނީ 24 މެންބަރުންނެވެ.

ނަމަވެސް ހަމަ އެދުވަހު، އެ ތިން ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރައްވައި، މަމަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަރުއްވާފައެވެ.

އެވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވާފައިވާއިރު، މިހާރުހިނގަމުންމިދާ 20 ވަނަ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީގެއެވެ. އެގޮތުން އެ ޕާޓީގެ ޖުމުލަ 75 މެންބަރުން މަޖިލީހުގައި އެބަ ތިއްބެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top