އިސްލާމް ދިވެހި ހިމެނެހެން ހަތަރު މާއްދާ މަޖުބޫރު ކުރުމަށް ތަޢުލީމީ ވުޒާރާއިން ސްކޫލްތަކަށް އަންގައިފިއެވެ.
ތަޢުލީމީ ވުޒާރާއިން ހުރިހާ ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ރާއްޖޭގެ ސްކޫލްތަކުން ތައުލީމު ހާސިލުކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ ތަޢުލީމީ ގޮތުން ހާސިލުކުރަން ކަނޑައަޅާފައިވާ ވަކި މިންވަރެއް ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވާން ޖެހޭ ކަމަށެވެ.
އެގޮތުން ގްރޭޑް 10އާ އެކު ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގައި ބައިވެރިވާ ދިވެހި ނަސްލުގެ ކޮންމެ ދަރިވަރަކު މަޖުބޫރު ހަތަރު މާއްދާ، އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބުގައި ބައިވެރިވާން ވާނެ ކަމަށް އެ ސާރކިއުލާގައި ވަނީ ބުނެފައެވެ.
މީގެއިތުރަށް އެ ސާކިއުލާގައި ބުނެފައިވަނީ އެއީ 22 ޖެނުއަރީ 2020ގައި ވެސް މިނިސްޓްރީން ނެރުނު ސާކިއުލާއަކުން ދީފައިވާ އިރުޝާދެއް ކަމަށާއި ދިވެހި ނަސްލުގެ ހުރިހާ ދިރިވަރުން ވެސް މަޖުބޫރު ހަތަރު މައްދާގައި ބައިވެރިވުމަކީ އެ ވުޒާރާގެ ސިޔާސަތެއް ކަމަށެވެ.
ތަޢުލީމީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމުގެ އުސޫލުގެ ތެރެއިން ފާހަގަކުރެވޭ ދަރިވަރުންނާ މެދު ވަކި ގޮތެއް ނިންމާނީ ވުޒާރާގެ މަޝްވަރާގެ މަތިން ކަމަށެވެ.
ވުޒާރާގެ މި ސިޔާސަތު ދަރިވަރުންނާއި ބެލެނިވެރިންނަށް ސްކޫލްތަކުން ހިއްސާކޮށް އަދި ހުރިހާ ދަރިވަރުން އިމްތިހާންތަކުގައި ބައިވެރިވާކަން ކަށަވަރުކުރަން ވެސް އެޑިޔުކޭޝަން މިނިސްޓްރީން އަންގާފައިވެއެވެ.






