Close

ޚާރިޖީ ވަޒީރު ޒަމީރު ރަސްމީދަތުރުފުޅެއްގައި ސްރީލަންކާއަށް!

Oplus_131072

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީދަތުުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު މިއަދު ސްރީލަންކާއަށް ފުރާވަޑައިގެންނެވީ ސްރީލަންކާ ގެ ޚާރިޖީ ވަޒީރު އެމް.ޔޫ.އެމް. ޢަލީ ސަބްރީގެ ދަޢުވަތަކަށެވެ. ޚާރިޖީ ވުޒާރާއިން މައުލޫމާތުދެއްވި ގޮތުގައި، މި ދަތުރުފުޅަކީ މިއަދުން ފެށިގެން ޖޫން މަހުގެ 06 ވަނަ ދުވަހުގެ ނިޔަލަށް، ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ އަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގެ އިތުރުން އެޤައުމުގެ ބޮޑުވަޒީރު، ޑިނޭޝް ގުނަވަރދެނާ އާއި ވަޒީރު ޒަމީރު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޤައުމުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުންތަކުގައި ރާއްޖެއާއި ސްރީލަންކާ އާ ދެމެދު އޮތް ޒަމާންވީ ގުޅުން ފުޅާކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު، އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި ޑިރެކްޓަރ-ޖެނެރަލް އައިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވައެވެ.

މީގެ އިތުރުން ރާއްޖެއާއި ސްރީލަންކާ އާ ދެމެދު ތަފާތު ދާއިރާތަކުން އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުގެ އިސްވެރިންނާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top