މިއަހަރު ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ ޢަދަދު 9 ލައްކައިން މައްޗަށް އަރައިފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ޢާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަަލަށް ރާއްޖެއަށް ޒިޔާރާޓް ކުރި ފަތުރުވެރިންގެ ޢަދަދަކީ 907،066 އެވެ.
މިއީ 2023 ވަނަ އަހަރު، މި މުއްދަތުގައި ރާއްޖެއައި ފަތުރުވެރިންނާ އަޅާބަލާއިރު 9.9 އިންސައްތަ އިތުރު ޢަދަދެކެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން އެކަނިވެސް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކުރީ އިނގިރޭސި ވިލާތުންނެވެ.
މިއަހަރުގެ މިހާތަނަށް، އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ ފެބްރުއަރީ މަހުއެވެ. އެގޮތުން ފެބްރުއަރީ މަހު 217،392 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ގެނައުމެވެ.






