Close

ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމުގައި އެންމެން އަތުގުޅައިލަންޖެހޭ!

ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމުގައި އެނެމެން އަތުގުޅައިލަންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

“ފަލަސްޠީނާ މެދު، އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތު” މިމައުޟޫއަށް އިއްވި ޚުތުބާގައި ބުނެފައިވަނީ އަޅުގަނޑުމެން މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާމެދު އަދާކުރަން ޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވާކަމަށެވެ. އަދި ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އެންމެން އަތުގުޅައިލަންޖެހޭ ކަމަށެވެ.

“ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި ގުޅިގެން އެހީތެރިވުމަކީ، މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ އަޚުލާޤީ އަދި ދީނީ ވާޖިބެއް، މާތް اﷲ އަށް ޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއްނޫން” ހުކުރު ޚުތުބާ 

ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނާ މެދު ދިވެހީންގެ ހިތްތަކުގައި ލޯތްބާއި، ހަމްދަރުދީއާއި، އުޚުއްވަތްތެރިކަން ވަނީ ބިންވަޅުނެގިފައި ކަމަސް ޚުތުބާގައި ބުނެފައިވެއެވެ. އަދި ފަލަސްޠީނާއި އެޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

“އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި، މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި، އިސްލާމީ ސަޤާފަތާއި އުންމަތުގެ ޙަޟާރަތު ފުނޑުފުނޑުކޮށްލުމަށް ޓަކައި ހިންގަމުންދާ ފިކުރީ ހަނގުރާމަތަކަކީ، އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންކަން، އަދި އެކަންކަމުގެ ކުރިމަތީގައި ނިކަމެތިވެފައި ތިބޭން މި ޖެހެނީ އިސްލާމްދީނުގެ އުޞޫލުތަކުގައި ސާބިތުވާން ޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުން، ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމުގެ ސަބަބުން” ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

މުސްލިމުންގެ ޢަދަދު ކިތަންމެ ގިނަ ނަމަވެސް، ދުންޔަވީ އެދުން އިސްކޮށް، މަރުދެކެ ބިރުން ތާއަބަދަށް ދުނިޔޭގައި އުޅުމުގެ ދަހިވެތިކަން ހިތްތަކުގައި އުފެދިއްޖެ ނަމަ، މުސްލިމުން ބަލިކަށިވެގެން ދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މުސްލިމުންނަށް ނަޞްރު ލިބުން އޮތީ ޢަޤީދާ ވަރުގަދަކޮށް ޙައްޤު ގޮތުގައި اﷲ އަށް އީމާންވެ، ޤުރްއާނާއި ސުންނަތުގައި ހިފައިގެން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

އަދި ނަޞްރުލިބުން އޮތީ އެކުވެރިވެ އެއްބައިވަންތަވެގެން ކަމަށާއި، ޙަސަދަވެރިކަމާއި، ރުޅިވެރިކަމުން އެއްކިބާވެގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ޙަޔާތުގައި އިސްލާމްދީން ޤާއިމުކޮށްގެން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top