ކުށުގެ ރިކޯޑް ދުވަހުން ދުވަހަށް ލިބޭނެ ގޮތް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، އެ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް އޮފީހުގެ ކައުންޓަރަށް ހުށަހަޅާ ފޯމުތައް، މީގެ ކުރިން ދޫކުރުމުން ދިޔައީ، ފޯމު ހުށަހަޅާ ދުވަހާ ޖެހިގެން އަންނަ ދުވަހުކަމަށެވެ،
ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހައިވެސް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ކުށުގެ ރެކޯޑު ސާފުކުރާ ފޯމުތައް، ދުވަހުން ދުވަހަށް ލިބޭގޮތް ހަމަޖައްސާފައިވާކަމަށް އެ އޮފީހުން ބުންޏެވެ.
އެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، 6 ޖޫންއިން ފެށިގެން ކޮންމެ ދުވަހަކުވެސް، ހެނދުނު ހުށަހަޅާ ފޯމްތައް އެ ދުވަހުގެ މެންދުރު 1:30 ގައި ލިބޭނެވެ. އަދި އެ ދުވަހެއްގެ މެންދުރު 12 ގެ ފަހުން ހުށަހަޅާ ފޯމްތައް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން އިތުރަށް ފާހަގަކުރައްވައިފައިވަނީ، އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑު، ދިހަ މިނިޓު ތެރޭގައި ސާފުކޮށްދިނުމުގެ ޚިދުމަތް އެއޮފީހުން މިހާރުވެސް ދަނީ ފޯރުކޮށްދެމުންދާކަމަށެވެ.






