މިޔަރުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުތަކުގެ ދިރުމާއި ގުޅޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ބައިނަލް އަޤްވާމީ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިކަން ކުރާ ފަރާތްތަކަށް މިޔަރުގެ އުނދަގޫ ފޯރާ ވާހަކައަކީ ވަރަށް ގަދަޔަށް އަޑުއިވޭ ވާހަކައެއް ކަމަށެވެ. އަދި މިޔަރުގެ ސަބަބުން ބައެއްކަހަލަ ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައިވާ ކަން ވަޒީރު ޝިޔާމް ފާހަގަކުރެއްވެވިއެވެ.
މިޔަރުގެ މައްސަލައިގައި ފަރުވާތެރިވާން ޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވައި ވަޒީރު ޝިޔާމް ވިދާޅުވީ ފަތުރުވެރިން ޝައުގުވެރިކުރުވުމަށްޓަކައި ރިސޯޓްތަކުން ފަޅުތެރެއާއި ފަޅުން ބޭރުގައި ވެސް މިޔަރަށް ކާންދޭ ކަމަށާއި، މަސް ޕްރޮސެސް ކުރާ ތަންތަނުން އުކާލެވޭ ތަކެއްޗާއި ރަށްރަށުން އުކާލެވޭ ކާބޯތަކެތި، ވަކިން ހާއްސަކޮށް މަހުގެ ބައިތައް މޫދުން ވަކި ސަރަހައްދަކަށް އުކާލާއިރު، އެ ސަރައްދަކަށް މަސް މަހާ މެހި ގިނަވާއިރު، އޭގެ ތެރޭގައި މިޔަރު ވެސް ހިމެނޭ ކަމަށެވެ.
މަސްވެރިންގެ ތެރެއިން ގިނަ ބަޔަކު މިޔަރާއި ދޭތެރޭގައި ސަރުކާރުން ގޮތެއް ނިންމުމަށް އެދޭ ކަމަށާއި، މިހާރު އެވުޒާރާއިން ދަނީ މިޔަރުގެ މައްސަލައިގައި ގެނެވޭނެ ހައްލަކީ ކޮބައިތޯ ބަލަމުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެކަންކަމައި ދޭތެރޭގައި މަސައްކަތް ތަކެއް ކުރެވެމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދާދި ފަހުން ސިފައިންގެ ޓްރެއިނިންގ އެއްގައި ހަރަކާތްތެރިވި ޒުވާނަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ވަނީ ނިޔާވެފައެވެ.






