Close

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް އެމްއޭސީއެލް އިން ފަށައިފި!

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ފަށައިފިއެވެ.

އެމްއޭސީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން އިންޓަރންޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްޓަކައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، އެމް.އޭ.ސީ.އެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެމް.އޭ.ސީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ލަމްޢާން އެވެ. އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަހުމަދު އާތިފްއެވެ. މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ އިސްވެރިންނާއި މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެލެއްވިއެވެ.

މި ޚާއްސަ އިންޓަންޝިޕް ޕްރޮގްރާމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ މުޖުތަމަޢުގައި ހަމަހަމަ ކަމުގެ ސަޤާފަތެއް އާލާކުރުމުގެ މަޤްސަދުގައި އެއް އަހަރު ދުވަހުގެ މުއްދަތަކަށް، ނުކުޅެދުންތެރިކަން ހުންނަ ފަސް މީހުންނަށް އެމް.އޭ.ސީ.އެލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިއްބައިދޭ ޕްރޮގްރާމެކެވެ. އަދި، ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުގައި ބާރުވެރިކުރުމާއި ހުރިހާ ފަރާތްތަކެއް ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަކީ ވެސް މި ޕްރޮގްރާމުގެ މަޤުސަދުތަކުން މަޤްސަދެއް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ފަހުމު ނާމާގައި ސޮއިކުރުމަށް ބޭއްވި، ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ލަމްޢާން ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން އިންޓަރންޝިޕް ދެވޭ މީހުންނަށް ލިބެންޖެހޭ ތަޖުރިބާ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކުންފުނިން މަސައްކަތްތައް ކުރާނެ ކަމަށެވެ.

އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް އަހުމަދު އާތިފް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް ހުނަރުވެރި ފަރާތްތައް ކަމަށާއި އެ މީހުންވެސް މައުނަވީ ގޮތެއްގައި މުޖުތަމައުގައި ބައިވެރި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ ސަމާލުކަން، ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top