ދިވެހި ޙައްޖާޖީއަކު ހާޓް އެޓޭކް އެއް ޖެހި ފަރުވާދެމުންދާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް މިހެެން ވިދާޅުވީ ޙައްޖަށް ވަޑައިގަތުމަށް މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެން އެތާހުންނަވައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ދިވެހި ޙައްޖާޖީއަކަށް ހާޓްއެޓޭކެއް ޖެހުނު ކަން ފާހަގަ ކުރައްވައި ވަޒީރު ޑރ ޝަހީމް ވިދާޅުވީ މިހާރު އެ ޙާޖީއަށް ފަރުވާދެމުންދާކަމަށާއި މިހާތަނަށް އައިރު އެމީހާގެ ޙާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ވަޒީރު ޝަހީމް ވިދާޅުވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އާއި ސަރުކާރުގެ ޙައްޖު މިޝަންގެ ފަރާތުން ވެސް ވަރަށް ގާތުން ބަލިމީހާގެ ކަންތައްތައް ބަލަމުންދާ ކަމަށެވެ. އަދި ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައިވެސް ވަކި ހާއްސަ ޑޮކްޓަރުންގެ ޓީމެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އެބައޮތް ކަމަށާއި ޙައްޖުވެރިންގެ ކަންތައްތައް ވަރަށް ގާތުން ބެލުމަށްޓަކައި ޙައްޖު މިޝަންގައި ވެސް ވަކި ހާއްސަ ޑޮކްޓަރަކު ހިމަނާފައިވާނެކަމަށްވެސް ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ.

ރާއްޖެ އިން ޙައްޖަށް ފުރާ 150 ޙައްޖުވެރިން ހިމެނޭ އެންމެ ފަހު ގްރޫޕް މިއަދު ޙައްޖަށް ފުރާފައިވާއިރު، މިއަހަރު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އެހީގައި މުޅި ޖުމުލަ 1150 ދިވެހިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސްފައިވާކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.






