ޕައިލެޓްކަން ކިޔަވަން ދޫކުރާ ލޯނުގެ ޢަދަދު މަދުކޮށްފިއެވެ.
މިކަން ހާމަކޮށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޕައިލެޓުކަމަށް ދޫކުރާނީ 10 ޖާގަކަމަށެވެ.
އެ ވުޒާރާއިން މި ނިންމުން މިގޮތަށް ނިންމާފައިވަނީ ރާއްޖޭގައި ހުރި ޕައިލެޓް ތަމްރީނުދޭ މަރުކަޒުތަކުގެ ކެޕޭސިޓީއަށް ރިޢާއަޔްތްކޮށްކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ހާމަ ކުރިގޮތުގައި މި އަހަރު، ޕައިލެޓުކަން ކިޔެވުމަށް ހުޅުވާލި 10 ޖާގައަށް ޝަރުތުހަމަވާ 148 ދަރިވަރުން ތިބިކަމަށެވެ.
އެހެންކަމުން އެހާ ގިނަ ދަރިވަރުންތަކެއް އެއްފަހަރާ އެއް ދާއިރާއަކުން ކިޔަވައި ނިމިގެން އައުމުން ވަޒީފާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެތީއާއެކު، މެރިޓް އުސޫލުން އެންމެ މަތީ މާކުސް ހޯދާ 10 ދަރުވަރުންނަށް ޕައިލެޓުކަން ކިޔެވުމުގެ ފުރުސަތު ދިނުމަށްފަހު ޕައިލެޓުކަން ކިޔެވުމަށް ޖާގަ ނުލިބޭ ދަރިވަރުންނަށް ދާއިރާ ބަދަލުކުރުމުގެ ފުރުސަތު ދޭން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.






