ޢީދުގެ އުފާ ފާޅުކުރުމުގައި އެހެން ދީންތައް ކޮޕީކުރުން ދޫކޮށްލަންޖެހޭ ކަމަށް ޢީދު ޚުތުބާގައި ބުނެފިއެވެ.
ރާއްޖޭގައި އިއްވި، އަޟްހާ ޢީދުގެ ޚުޠުބާގައި ބުނެފައިވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދުގައިވާ ގޮތަށް، އަޅުގަނޑުމެން މުސްލިމުން އުފާ ފާޅުކުރާ އިރު، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބަޢަވާން ޖެހޭކަމަށެވެ. އަދި ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލަން ޖެހޭ ކަމަށެވެ.
އަދި އަހަރެމެންނަކީ މާތް ﷲ، އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްތެރިކަން ދެއްވައިފައިވާ ބައެއްކަމަށް ﷲ ރުއްސުންލެއްވި ޢުމަރުގެފާނު ވިދާޅުވެފައިވާކަން ޚުޠުބާގައިވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ޚުޠުބާގައި ބުނެފައިވަނީ، އިސްލާމްދީނަކީ ޢިއްޒަތްތެރިކަންލިބިގެންވާ ދީނެއް ނަމަވެސް، މިއަދު މުސްލިމުން ވަނީ ވަރަށް ނިކަމެތިވެފައި ކަމަށެވެ. އެކަން އެންމެ ބޮޑަށް ހާމަވާ އެއް ކަމަކީ، ފަލަސްޠީނުގެ ރަފަޙާއި، ޣައްޒާއާއި، އެހެނިހެން ބިންތަކަށް ޔަހޫދީން ވެރިވެގަނެފައިވީ ހިނދުވެސް، މުސްލިމު ބޮޑު އުންމަތް، އެ ލޮބުވެތި އަޚުންނާއި އުޚުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައި ވުން ކަމަށް އަޟްޙާ ޢީދުގެ ޚުޠުބާގައި ބުންޏެވެ.






