އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިންނަށް ޢީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުން ބޮޑުވަޒީރު މޯދީގެ މި މެސެޖް އެކްސް ގައި ހިއްސާ ކުރަމުން ބުނެފައިވަނީ، ރައީސް ޑރ.މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި އެންމެހާ ދިވެހީންނަށް ބަރަކާތްތެރި އަޟްހާ އީދުގެ ތަހުނިޔާ މޯދީ ފޮނުއްވާފައިވާ ކަމަށެވެ.
މި މެސެޖްގައި މޯދީ ވިދާޅުވީ، މިއަދު މި ފާހަގަކުރާ އުފާވެރި ދުވަހުން ހަނދާނަށް ގެނެސްދެނީ އެންމެން އުންމީދު ކުރާ ސުހްލަވެރި އަދި އެންމެން އެކުލެވޭ ދުނިޔެއެއް ބިނާ ކުރުމުގައި ބޭނުންތެރި، އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށެވެ.
ހަމައެއާއިއެކު، މިއީ އިންޑިޔާގައި އޮތް މަލްޓި ކަލްޗަރަލް ހެރިޓޭޖް ގެ ތެރެއިން އެގައުމުގައި ވެސް ފޯރި އާއި އުފާވެރިކަމާއިއެކު ފާހަގަކުރެވޭ ދުވަހެއްކަން މޯދީ ފާހަގަކުރެއްވިއެވެ.
އިންޑިޔާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް ވުރެ ބަދަހިވަމުން އަންނައިރު، ދާދި ފަހުން ރައީސް ޑރ.މުޢިއްޒު ވަނީ އިންޑިޔާގެ ބޮޑުވަޒީރު ކަމަށް ތިން ވަނަ ފަހަރަށް މޯދީ ހުވާކުރެއްވި ރަސްމިއްޔާތަށް ވެސް ވަޑައިގެންފައެވެ.







