މައްކާއަށް ހޫނުގަދަވެ ޙާޖީން ބޭރަށް ނުނިކުތުމަށް ސަޢުދީޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީ އިން އިލްތިމާސްކޮށްފިއެވެ.
ސައުދީ ޢަރަބިއްޔާގެ ސިއްޚީ ވުޒާރާގެ ރަސްމީ ތަރުޖަމާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހޫނު ގަދަވުމުގެ ސަބަބުން ޖަމްރާތަކަށް ނުނިކުތުމަށާއި، ހެނދުނު 11 އިން ފެށިގެން ހަވީރު 4 ޖެހުމާ ހަމައަށް، އަތްވަށް ނުނިކުތުމަށް އިލްތިމާސް ކުރާކަމަށެވެ.
ސަޢުދީ ޢަރަބިއްޔާގެ މޫސުމާއިބެހޭ އިދާރާގެ އެދުމުގެ މަތިން ޙައްޖު މިނިސްޓްރީން ޙައްޖު ގްރޫޕްތަކަށް ފޮނުވި މެސެޖެއްގައި ވެސް އެއްވެސް ޙައްޖުވެރިއަކު ހެނދުނު 11 އިން ހަވީރު ހަތަރަކަށް ބޭރަށް ނުނިކުތުމަށް ވަނީ އަންގާފައެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި، މިއަދު މައްކާގެ ފިނިހޫނު މިން ހުރީ، 49 ޑިގްރީ ސެލްސިއަސްގައެވެ.
ޙައްޖު މޫސުމުގައި، ހޫނު ގަދަ ވުމުގެ ސަބަބުން، މީގެ ކުރިންވެސް ސަޢުދީގެ ކަމާ ބެހޭ ވުޒާރާތަކުން ވަނީ، ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ކުޑަ ބޭނުންކުރުމަށާއި، ހޫނު ގަދަ ވަގުތުތަކުގައި ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.







