ފުވައްމުލަކު އެއާޕޯޓުގެ ފަޔަ ލޮރީއަށް މައްސަލައެއް ދިމާވުމާ ގުޅިގެން އެއާޕޯޓުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑިއްޖެ އެވެ. މި މައްސަލަ ދިމާވެފައިވަނީ އެއާޕޯޓުގެ ރަންވޭ މަތީގައި ފަޔަ ލޮރީގެ އިންޖީނު ހަލާކުވެގެން ހުއްޓުމާ ގުޅިގެންނެވެ.
އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވި ގޮތުގައި، ރީޖަނަލް އެއާޕޯޓްސް އުވާލުމަށްފަހު، އެންމެ ފުރަތަމަ ވެސް އެމްއޭސީއެލްއިން ބެލި ކަންކަމުގެ ތެރޭގައި ގްރައުންޑް ހޭންޑްލިންގ އާއި ފަޔަ ފައިޓިންގ ސާމާނުގެ ހާލަތު ހިމެނެ އެވެ. "އެއްވެސް އެއްޗެއް މެއިންޓެއިން ކޮށްފައެއް ނެތް. އަޅުގަނޑުމެން ގެންދިޔައީ އިމަޖެންސީކޮށް އެއްޗެހި ގަތުމުގެ ޕްރޮސެސްއެއް ފައްޓައިގެން،" ޝަރީފް ވިދާޅުވި އެވެ.
ފަޔަ ފައިޓިންގ އާލާތްތައް ގަތުމުގައި ގިނަ ކަންކަމެއް ކަސްޓަމައިޒް ކުރަން ޖެހޭ ކަމަށް ޝަރީފް ފާހަގަކުރެއްވި އެވެ. އެމްއޭސީއެލްއިން މިހާރު ވަނީ އެއާޕޯޓުތަކަށް ބޭނުންވާ އާލާތްތައް ގަތުމުގެ މަސައްކަތް ފަށާފައެވެ.
މި މައްސަލަ ހައްލުކުރުމަށް އެމްއޭސީއެލްގެ ޓެކްނިކަލް ޓީމެއް ވަނީ އައްޑޫ މަގުން ފުވައްމުލަކަށް ފޮނުވާފައެވެ. ނަމަވެސް މައްސަލަ ހައްލުކުރެވޭނެ ވަކި އިރެއް މިވަގުތު ކަނޑައެޅިފައެއް ނުވެ އެވެ. އެމްއޭސީއެލްއިން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް، އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފެށުމަށެވެ.
މިހާރު ފުވައްމުލަކު އެއާޕޯޓަށް ދަތުރުކުރަނީ ހަމައެކަނި ގައުމީ އެއާލައިން މޯލްޑިވިއަންއިންނެވެ. މޯލްޑިވިއަންއިން ވަނީ ދަތުރުތައް މެދުކެނޑިފައިވާތީ، އިތުރު މަޢުލޫމާތު ހޯދުމަށް އެ ކުންފުނީގެ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް ފަސިންޖަރުންނަށް އަންގާފައެވެ.
މިކަމާއި ގުޅިގެން ފުވައްމުލަކުގައި ގިނަ އަދަދެއްގެ މީހުން ނުފުރިފައި ތިބިކަމަށް އެރަށުން މައުލޫމާތު ދެއްވައެެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ހިމެނެއެވެ.







