ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވުނު "އެސް.ސީ.އޯ ޕްލަސް" ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން، މުހިންމު ބަޔާނެއް އިއްވަވައިފިއެވެ.
ބައްދަލުވުން އިފްތިތާޙްކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަމާންކަމާއި ހަމަޖެހުން ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ގްލޯބަލް ގަވަރނަންސް އިނީޝިއެޓިވް (ޖީ.ސީ.އައި) ތަޢާރަފުކުރައްވާފައެވެ.
ރައީސް މުޢިއްޒު އެމަނިކުފާނުގެ ބަޔާނުގައި، "ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން" ފާހަގަކުރައްވައި، ދިވެހިރާއްޖެއަކީ ވިލުންތެރި، ޢަޒުމުވަރުގަދަ ޤައުމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި، މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވައި، ގްލޯބަލް ގަވަރނަންސް އިނީޝިއެޓިވަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ. މީގެއިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހިން ދެމިތިބޭނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
އެސް.ސީ.އޯ ޕްލަސް ބައްދަލުވުމަކީ، އެސް.ސީ.އޯގެ މެންބަރު ޤައުމުތަކާއި، ޕާޓްނަރ ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ހިއްސާކުރާ ގޮންޖެހުންތަކާއި، އިޤްތިޞާދީ އިންޓެގްރޭޝަނާއި ގްލޯބަލް ގަވަނަންސް ފަދަ މުހިންމު މައުޟޫޢުތަކުގެ މައްޗަށް މަޝްވަރާކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ.






