މާލޭ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓްގައި މިހާތަނަށް 72 މީޓަރުގެ ސަރަހައްދެއް ޝީޓް ޕައިލްކޮށްފި އެވެ.
މިދިޔަ މަހު އަމަލީ މަސައްކަތް ފެށުނު މި މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ މިހާރު ހުރި އެއްގަމު ތޮށި ނަގައި، އާ އެއްގަމު ތޮއްޓަށް ބޭނުންވާ ޝީޓް ޕައިލް ޖެހުމުގެ މަސައްކަތެވެ. އަދި މި މަސައްކަތް ނިމުމުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ އޭޕްރިލް މަހު ހަވާލުކުރި މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގު ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ދަށުން ތާރު އަޅައި ސަބްބޭސް ތައްޔާރުކުރުމުގެ އިތުރުން، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ޑްރެއިނޭޖު ސާވިސް ލައިން އެޅުމާއި، މަގު ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުން ހިމެނެއެވެ.
144.5 މިލިއަން ރުފިޔާގެ މި މަޝްރޫއު 455 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.






