ރާއްޖެއާއި ޗައިނާއާ ދެމެދު 11 އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެމްއޯޔޫތަކުގައި ސޮއިކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ބެއިޖިންގްގައެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި އެމްއޯޔޫތަކުގެ ތެރޭގައި މީހުން ބިނާކުރުމާއި، އިގްތިސާދީ ތަރައްގީ، އިންފްރާސްޓްރަކްޗަރ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއާ ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ. އޭގެ ތެރޭގައި އައްޑޫގައި ފިޝަރީޒް އެންޑް މެރިޓައިމް ލޮޖިސްޓިކް ހަބެއް ގާއިމުކުރުމާއި، ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީއާއެކު ވެވޭ އެއްބަސްވުމެއްވެސް ހިމެނެއެވެ.

މި އެމްއޯޔޫތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެމެހެއްޓެނިވި ތަރައްގީއާއި ދެ ގައުމުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް މުއިއްޒު އެންމެ ފުރަތަމަ ޗައިނާއަށް ދަތުރުފުޅެއް ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކުރެވި، ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހަރުދަނާވެފައެވެ.

މިހާރު ކުރިއަށްދާ ދަތުރުފުޅު ފެއްޓެވީ މިދިޔަ ހުކުރު ދުވަހުއެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ އިތުރުން އެހެނިހެން ގައުމުތަކުގެ ވެރިންނާވެސް ބައްދަލުކުރައްވާފައެވެ.







