Close

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ވަން.ގަވް މެދުވެރިކޮށް ދޭން ފަށައިފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް "ވަންގަވް ޕްލެޓްފޯމް" މެދުވެރިކޮށް ތަޢާރަފްކުރުމަށް ބޭއްވުނު ހަފްލާގެ ތެރެއިން- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް.

އައްޑޫ ސިޓީ ކައުންސިލުން ދެމުން އަންނަ ޚިދުމަތްތައް ވަން.ގަވް މެދުވެރިކޮށް ދިނުމުގެ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ފަށައިފައެވެ. މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ޓްރޭޑް ނެޓްގެ މެނޭޖިންގ ޑިރެކްޓަރު ސައީދާ އުމަރާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް "ވަންގަވް ޕްލެޓްފޯމް" މެދުވެރިކޮށް ތަޢާރަފްކުރުމަށް ބޭއްވުނު ހަފްލާގެ ތެރެއިން- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް.

މި އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދާ އުމަރު ވިދާޅުވީ، ސަރުކާރުން "މޯލްޑިވްސް 2.0" ގެ ނަމުގައި ކުރިއަށްގެންދާ ޑިޖިޓަލް ބަދަލުގެ ތެރެއިން، ވަން.ގަވް އާއިލާއާ ގުޅެނީ އެންމެ ފުރަތަމަ އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ކަމަށެވެ. އަދި މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގެ ރައްޔިތުންނަށް މި ޑިޖިޓަލް ވިއުގައިގެ ތެރެއިން ފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ސައީދާ ވިދާޅުވީ ވަން.ގަވް ޕްލެޓްފޯމް ފަރުމާކުރުމުގައި އައްޑޫގެ ޒުވާންތަކެއްގެ ހިއްސާ ވަރަށް ބޮޑުކަމަށާއި އެއީ ޓްރޭޑްނެޓަށް ވަރަށް ހާއްސަ ކަމެއްކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް "ވަންގަވް ޕްލެޓްފޯމް" މެދުވެރިކޮށް ތަޢާރަފްކުރުމަށް ބޭއްވުނު ހަފްލާގެ ތެރެއިން- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ އޭނާ ކައުންސިލަށް ވަޑައިގެންނެވި އިރު ވަރަށް ބޮޑަށް އުންމީދުކުރެއްވި ކަމެއް ކަމަށެވެ. އަދި މިހާރު އެކަން ޙަޤީޤަތަކަށްވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ތަނަވަސްވެގެން ދިޔުމަކީ ވަރަށް ބޮޑު އުފަލެއް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި އައު ނިޒާމުގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ކައުންސިލްގެ ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ވަގުތާއި ޚަރަދު ސަލާމަތްވެގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top