ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް އިތުރު ފަސް އަތޮޅަކަށް ފުޅާކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިގޮތުން އާރްޓީއެލް ޒޯން 4 ގައި ހިމެނޭ މ، ފ، ދ، ތ އަދި ލ. އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ ބޭސްލައިން ސާވޭގެ މަސައްކަތް މި މަހާއި އަންނަ މަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) އާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. މި ބައްދަލުވުމުގައި ޖައިކާގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޭސްލައިން ސާވޭއާ ބެހޭ މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
މިހާރު އާރްޓީއެލްގެ ފެރީގެ ޚިދުމަތް ދެމުން އަންނަނީ 11 އަތޮޅެއްގައެވެ. މި ޚިދުމަތް ދެމުން އަންނަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގައި ޚިދުމަތް ފެށުމުން، އާރްޓީއެލްގެ ޚިދުމަތް ނުލިބި ދެން އޮންނާނީ އެންމެ 4 އަތޮޅެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ 2025 ވަނަ އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެއަށް އާރްޓީއެލްގެ ޚިދުމަތް ފުޅާކުރުމަށެވެ. 2022 ވަނަ އަހަރު ފެށުނު މި ޚިދުމަތުގެ ދަށުން، ފެރީގެ ޚިދުމަތުގެ އިތުރުން ބައެއް ސަރަހައްދުތަކަށް ބަހުގެ ޚިދުމަތް ވެސް އެމްޓީސީސީ އިން ފޮރުކޮށްދެމުން ގެންދެއެވެ.
މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރުވެގެންދާނެ ބޮޅެކެވެ.







