ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. ޗައިނާގެ ވެރިރަށް ބެއިޖިންގގެ ޓިއަނަންމެން ސްކޮއަރގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ޚާއްސަ ދަޢުވަތަކަށެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އެ ޤައުމުގެ އެންމެ އިސް ލީޑަރުންގެ އިތުރުން، މިވަގުތު ޗައިނާގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މުހިންމު ރަސްމިއްޔާތު ނިންމާލެވިފައިވަނީ ބައިވެރިވެވަޑައިގެންނެވި އެންމެހާ ބޭފުޅުންގެ ޝަރަފުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެއްވި ފުރަމާނަޖާފަތަކާ އެކުގައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް، އެސް.ސީ.އޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.







