މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. މި ބަދަލު އަންނާނީ 2026 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެންނެވެ.
މިހާރު މަގުބައްތިތަކާއި، ޕާކުތަކާއި އަދި އާންމު މައިދާންތަކުގެ ކަރަންޓަށް ބިލްކުރަމުން އަންނަނީ ގަވަމެންޓް ރޭޓުންނެވެ. މި ރޭޓުގައި 100 ޔުނިޓަށް 4.50 ރުފިޔާ ނެގޭއިރު، 600 ޔުނިޓަށް 7.50 ރުފިޔާ ނެގެއެވެ. ނަމަވެސް ޑޮމެސްޓިކް ރޭޓުގައި 100 ޔުނިޓަށް 1.25 ރުފިޔާ ނެގޭއިރު، 600 ޔުނިޓަށް 3.83 ރުފިޔާ ނެގެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެޅޭ ފިޔަވަޅެއް ކަމަށެވެ. އަދި މި ބަދަލާ އެކު، ކައުންސިލްތަކަށް މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދުކުރަން ލިބޭ އަދަދު އިތުރުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
https://x.com/MMuizzu/status/1965046064408650150
ފާހަގަކޮށްލެވޭ ކަމަކީ، މިއީ ކަރަންޓް ބިލާ ގުޅޭ ގޮތުން ސަރުކާރުން ގެންނަ ފުރަތަމަ ލުޔެއް ނޫން ކަމެވެ. މީގެ ކުރިން، މިދިޔަ އަހަރު ވަނީ މިސްކިތްތަކުގެ ކަރަންޓް ބިލް ވެސް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޮތަށް ހަމަޖައްސަވާފައެވެ.
މި ބަދަލާ އެކު، ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްރަށުގެ މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ފެނަކަ އަދި ސްޓެލްކޯއިން ބިލްކުރާނީ ޑޮމެސްޓިކް ރޭޓުންނެވެ. މި ބަދަލަކީ ކައުންސިލްތަކުގެ މާލީ ޤާބިލްކަން އިތުރުކޮށް، އާންމު ޚިދުމަތްތައް ފުޅާކުރުމަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.







