މ. މުލީގެ 10 ގެއަކަށް ހައިޑްރޮޕޯނިކްސް މަސައްކަތް ކުރުމަށް ބޭނުންވާނެ ވަޞީލަތްތައް މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ޤާއިމުކޮށްދީފިިިިި އެވެ.
މި ޕްރޮގްރާމްގެ ދަށުން މުލީގެ 10 ގެއެއްގައި ވަނީ ހައިޑްރޮޕޯނިކްސް މަސައްކަތް ކުރުމަށް ބޭނުންވާނެ ވަޞީލަތްތައް ޤާއިމުކޮށްދީ އެފަރާތްތަކަށް ކަމާއި ގުޅޭ ތަމްރީނު ދެވިފައިކަމަށް އެމިނިސްޓްރީއިން ބުނެ އެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަމަށް އެކަށީގެންވާ ބިންލިބެން ނެތް ރަށްރަށުގައިވެސް، އެރަށަކާއި އެންމެ އެކަށީގެންވާ ގޮތަކަށް ދަނޑުވެރިކަމުގެ މަސައްކަތެއް ކޮށްގެން އާމްދަދީއެއް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމާއި ޒުވާނުން ދަނޑުވެރިކަމުގެ މަސައްކަތުގައި ޝާމިލުވާ މިންވަރު އިތުރުކުރުމެވެ.
މިމަހުގެ 3 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށުނު މި ޕްރޮގްރާމްގައި ތަޢާރަފްކޮށްދީފައިވަނީ ޑީޕް ފްލޯ ޓެކްނިކްގެ އެހީގައި ކިޔުކަންބާ އަދި ނިއުޓްރިއެންޓް ފިލްމް ޓެކްނިކްގެ އެހީގައި ޗައިނީޒް ކެބެޖް / ލެޓިއުސް ފަދަ ފަތްތަރުކާރީގެ ބާވަތްތައް އިންދާ ހެއްދުމެވެ. މި ސިސްޓަމްތަކުގައި ހައްދާފައިވާ ބާވަތްތައް ފުރަތަމަ ފަހަރަށް ކަނޑަން ލިބޭނެކަމަށް ލަފާ ކުރާ ތާރީޚަކީ 15 ޖެނުއަރީ 2021 އެވެ.
މިޕްރޮގްރާމްގެ ދަށުން ޤާއިމްކޮށްދޭ ސިސްޓަމްތައް ބޭނުންކުރަމުން ގެންދާ ގޮތް ބަލާ މޮނީޓަރ ކުރަމުން ގެންދާނީ މުލީ ކައުންސިލްގެ ފަރާތުންނެވެ. ސިސްޓަމް ބޭނުންކޮށްގެން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރިއަށް ނުގެންދަވާ ފަރާތްތަކުގެ ބެލުމުގެ ދަށުން ސިސްޓަމްތައް ނަގައި ރަށުގެ ރައްޔިތުންގެ ތެރެއިން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ އެހެން ފަރާތަކާއި ޙަވާލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
ދަނޑުވެރިކަމުގެ ޒަމާނީ ވަޞީލަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދާ ކުދި ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމްކޮށްދީ ކަމާގުޅޭ ތަމްރީނު ދިނުމުގެ ޕްރޮގްރާމް މިއަހަރު ކުރިއަށް ގެންގޮސްފައިވަނީ މ. މުލީގައެވެ.






