ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ދެކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތ އަތުލައިގަނެ ހައްޔަރުކުރި މީހުންގެ މައުލޫމާތު ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނުގައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކުރިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަޙްމަދު ޝަމްޢޫން (30އ) އާއި ލ. ގަން/ތުނޑި، ރޯޝަންހިޔާ، އަޙްމަދު ޙުސާމް (26އ) އާއި ޏ. ފުވައްމުލައް/ދިނގުވާނޑު، ނައި، އިސްމާޢީލް އިފްހާމް މުޙައްމަދު (26އ) އާއި ލ. ގަން/ތުނޑި، އަބަދަށްއުފާ، މުޙައްމަދު ސުޢައިދު (23އ) އަދި ކ. މާލެ/މއ. މަލިކުރުވާގެ، ޢަބްދުﷲ ސާޖިޢު ޙަސަން (23އ) އެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތިވަނީ ހޯދާފައެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.






