އައްޑޫ ސިޓީން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ވިޔަފާރި ބިންތަކުގެ މުއްދަތު އިތުރުކުރަން އެދިފައިވާ މުއްދަތަށް، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖިއޭ) އިން އެކަން ކޮށްދީފައިނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ބުރާސްފަތި ދުވަހު އޮތް އެ ކޮމިޓީގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅުއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، 2018 ވަނަ އަހަރުން ފެށިގެން ބިމާ ބެހޭ މަސައްކަތް ކައުންސިލްތަކާ ހަވާލުކުރުމާ ގުޅިގެން އައްޑޫ ކުލީ ބިމުގެ މުއްދަތު އިތުރު ކުރުމަށާއި ކުލި މުރާޖައާ ކުރުމަށް އުސޫލުތަކެއް ހަދައި އެ އުސޫލުގެ ދަށުން އެކަމަށް އެދޭ ފަރާތަތަކަށް މުއްދަތު އިތުރު ކޮށްދެމުން ދިޔަ ކަމަށެވެ.
ނަމަވެސް ކޮވިޑާ ގުޅިގެން ކައުންސިލް އިިންތިހާބު ފަސްކޮށް، ކައުންސިލަރުންގެ ދައުރު ދައްމާލުމަށް ފާސްކުރި ސަންސެޓް ގާނޫނުގެ ދަށުން އެފަދަ ކަންތައްތައް އެލްޖީއޭއާ ހަވާލުކުރުމާ ގުޅިގެން، ހުސްވި 2019 އަހަރުގެ ފަހު ކޮޅާއި 2020 ވަނަ އަހަރު މުއްދަތު އިތުރުކުރަން ހުށަހެޅި ބިންތަކުގެ މުއްދަތު އިތުރުކުރުން ކުރިއަށް ނުދާ ކަމަށް ސޯބެ ވިދާޅުވި އެވެ.
ގިނަ ވިޔަފާރިންނަކީ ލޯނު ނަގައިގެން ވިޔަފާރި އިތުރަށް ތަރައްގީކުރާ ބަޔަކަށް ވެފައި، އަދި 10 އަހަރުގެ އެގްރީމެންޓެން ނެތްނަމަ އެއްވެސް ބޭންކަކުންް ލޯނު ނުދޭތީ، އެ މުއްދަތަށް ބިމުގެ މުއްދަތު އިތުރު ކުރަން ހުށަހަޅާ ފަރާތްތަކަށް އެލްޖީއޭ އިން އެކަން ކޮށްދެމުން ނުދާ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ. އަދި އެކަމަށް އެހެން ގޮތެއް ނެތިގެން އައްޑޫ ސިޓީގެ މަޖިލިސް މެންބަރުންނާ މަޝްވަރާކޮށް، އެ މައްސަލައަށް ގޮތެއް ހޯދައި ދިނުމަށް އެދި ކޮމިޓީއަށް ހުށަހެޅުއްވީ ކަމަށް ވެސް ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ، ބިމުގެ މުއްދަތު އިތުރު ކުރުމަށް އެދި އެލްޖީއޭއަށް މިހާރު ވެސް ފޮނުވާފައިވާ މައްސަލަތަކެއްގައި ތިން ގޮތަކަށް އަމަލުކުރަން އަންގާފައިވާ ކަމަށެވެ. "ތިން މައްސަލައެއް އެބަ އުޅޭ ތިން ގޮތަކަށް ޖަވާބު ދެއްވާފައިވާ. އެކައްޗެއްގައި ފާހަގަކުރައްވާފައި އޮތީ މުއްދަތު ހޯދުމުގެ ކުރިން އޭސީސީގެ ލަފާ ހޯދުން. ހަމަ އެ ކޭސެސްތަަކަށް އެބައިން ވިދާޅުވެފައި އާ ކައުންސިލް އައިމައޭ. ދެވަނަ މައްސަލައިގަ އޮތީ އިއުލާން ކުރަން. ތިންވަނަ އެއްޗެއްގައި އޮތީ އެއް އަހަރު ދުވަހަށް އިތުރުކުރަން، އޭގެ ތެރެއިން ދެ ފަރާތަކީ ލޯނު ނެގުމަށް މުއްދަތު އިތުރުކުރާ ފަރާތް،" ސޯބެ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ވިދާޅުވީ، މިހާރު މިއޮތް ކައުންސިލްތަކުގެ އިންތިގާލީ މަރުހަލާގައި އެފަދަ ހުއްދަތައް ހޯދަން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން އެ އޮތޯރިޓީން ކަންކަން ނިންމަނީ ބޯޑަށް ހުށަހަޅައި ބޯޑުން ދޭ ލަފާގެ މައްޗަށް ކަމަށެވެ.







