Close

ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ވައުދު 2023 ގެ ކުރިން ފުއްދާނަން: ރައީސް

ވެރިކަމުގެ ފަސް އަހަރު ނިމުމުގެ ކުރިން ހުވަދޫ އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވެ ކުރިން ވީ ވައުދު ފުއްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ހުވަދު އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއެކު އޮންލައިންކޮށް ބޭއްވި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ރޭ އެމަނިކުފާނު ވިދާޅުވީ އިންޓަނޭޝަނަލް އެއާޕޯޓުގެ ވައުދު މި ދައުރުގެ ތެރޭގައި ފުއްދަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރާނެ ރަށެއް އަދި ނުނިންމާ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ރައީސް ވަނީ ހުވަދު އަތޮޅަށް އެމަނިކުފާނު ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ. އެގޮތުން އަތޮޅުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 169 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިހާރުވެސް 494 ދަރިވަރަކު ހިލޭ ކިޔަވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގއ އަތޮޅަށް ނިސްބަތްވާ 989 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 14 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ވިޔަފާރިތަކަށް ދޫކުރާ އެސްއެމްއީ ލޯނުވެސް އެއަތޮޅުގެ 18 ފަރާތަކަށް ދޫކޮށްފައިވާ ކަމަށާއި އެލޯނުތަކުގެ އަދަދު 31 މިލިއަން ރުފިޔާއަށް އަރާކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއް ފެރީގެ ނިޒާމުން ގުޅައިލުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއު ދެން ކުރިއަށް ގެންދާނީ ހުވަދު އަތޮޅުގައި ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. މުޅި އަތޮޅަށް ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އިތުރުން އަތޮޅުގެ ވަކިވަކި ރަށްތަކަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވަނީ އެ މަސައްކަތްތަކުގެ ތަފްސީލުވެސް ދެއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top