އިރުގެ އަލިން ކަރަންޓް އުފެއްދުމުގެ މަސައްކަތް މި އަހަރު ގއ.ކޮނޑޭގައި ފެށިގެން ދާނެ ކަމަށް އެންވާރްމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ގްރީން ކްލައިމެޓް ފަންޑުންނާއި އެންވަޔަރުމެންޓް މިނިސްޓްރީ އާއި ޔޫއެންޑީޕީއިން ފަންޑްކޮށްގެން ދިވެހި ސަރުކާރުން ގއ.ކޮނޑޭގައި ޤާއިމު ކޮށްފައިވާ ވާރޭ ފެނުގެ ނިޒާމް ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކުރުމަށް ކޮނޑޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ޑރ.ހުސެއިން ވިދާޅުވިގޮތުގައި ކޮނޑޭގައި ސޯލާ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ މަސައްކަތަށް ބޭނުންވާ ބަޖެޓްވަނީ މިސަރުކާރުން ހޯދައިދީފައި ކަމަށެވެ. އެހެންކަމުން މާގިނަދުވަސްތަކެއް ނުވެ މިމަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫއު އަކީ ދިވެހި ސަރުކާރާއި، ޔޫއެންޑީޕީ އާއި ގްރީން ކްލައިމެޓް އާއި އެކު ކުރިޔަށް ގެންދާނެ މަޝްރޫއެކެވެ. ސަރުކާރުން އަންނަނީ އާބާދީ ކުޑަ ރަށްރަށުގައި އިރުގެ އަލިން ކަރަންޓް އުފެއްދުމަށްޓަކައި މަޝްރޫއުތައް މިހާރު ވެސް ހިންގަމުންނެވެ. މިހާރު މިމަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ބައެއް ރަށްރަށަށް މިހާރު ވަނީ ފަންޑް ވެސް ހަމަޖެހިފައެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓަރ ހުވަދު އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ވަނީ ގއ.އަތޮޅާއި ގދ.އަތޮޅުގައި ހިމެނޭ އަށް ރަށެއްގައި ގާއިމުކުރި ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމު، ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިއެވެ. އަދި މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ޔޫއެންޑީޕީން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އަކީކޯ ފުޖީވެސް ވަނީ ބައިވެރިވަޑައިގެންފައިއެވެ.






