ކަރަންޓީންގައި ތިބި ދެމީހަކު ފުވައްމުލަކުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން މިރޭ ވިދާޅުވީ މާލެއިން ފުވައްމުލަކަށް ގޮސް ހޯމް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަމުންދާ ދެމީހެއްގެ ކިބައިން ރޯގާގެ އަލާމާތްތައް ފެނުމުން މިރޭ ނެގި ސުންކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި ކަމަށެވެ. މިވަގުތު ފުވައްމުލަކުގައި ކޮވިޑް ޖެހިފައި ހަތް މީހުން އެބަތިއްބެވެ.
ހޮސްޕިޓަލުން ވިދާޅުވީ ހޯމް ކަރަންޓީންގައި ތިއްބަވާބޭފުޅުން ކަރަންޓީން އުސޫލާއި އެއްގޮތަށް އަމަލުކުރެއްވުމަށް ސަމާލުކަން ދެއްވުން އެދޭކަމަށާއި އަދި ކަރަންޓީންގައި ތިއްބަވާ ބޭފުޅުންނާއި ބައްދަލުކޮށް ހެދުމުގައި ހުރިހާ ބޭފުޅުންވެސް އެޗްޕީއޭގެ އުސޫލާއި ޚިލާފް ނުވުމަށް އިލްތިމާސް ކުރާކަމަށެވެ.
ފުވައްމުލަކުން ދެމީހަކު މިރޭ ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު މީގެ މަހެއްހާ ދުވަސް ކުރިން އެރަށުގައި ކޮވިޑް ފެތުރި ރަށް މޮނިޓަރިންގެ ހާލަތައް ވެސް ގެނައެވެ.







