Close

ލ. ގަން ހަމަދު ބިން ޚަލީފާ އަލްޡާނީ ސްކޫލު ދަރިވަރުންނަށް ސެޝަނެއް ކުރިއަށް ގެންގޮސްފި

ލ. ގަން ހަމަދު ބިން ޚަލީފާ އަލްޡާނީ ސްކޫލު ދަރިވަރުންނަށް އެ ސްކޫލުގެ ފަރާތުން ކުރިއަށް ގެންދިޔަ އިވެންޓެއްގައި ގަން ޕޮލިސް ސްޓޭޝަނުން ބައިވެރިވެ ދަރިވަރުންނަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި އެޕްރީލް މަހުގެ 4 އިން 5 އަށް ‘ވެހި ކޭމްޕް’ ގެ ނަމުގައި އެރަށުގައި ކުރިއަށް ގެންދިޔަ މި އިވެންޓުގައި ފުލުހުންގެ ފަރާތުން ދަރިވަރުންނަށް ފެތުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

އެގޮތުން، ފެތުމަށް ބޭނުންވާ އުކުޅުތަކާއި ނޭވާ ކޮންޓްރޯލް ކުރާނެ ގޮތާއި ފްރީ ސްޓައިލްގައި ފަތާނެގޮތް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ. އަދި ގިނަވަގުތު ފްލޯޓްކޮށްގެން އޮވެވޭނެ ގޮތްތަކާއި މޫދަށްއެރި އުޅުމުގައި ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތައް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ.

އޭގެ އިތުރުން، މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވޭނެ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

މި ސެޝަނުގައި، ހަމަދު ބިން ޚަލީފާ އަލްޡާނީ ސްކޫލުގެ ގްރޭޑް 3 އިން 7 އަށް ތައުލީމު ހާސިލުކުރަމުންދާ 383 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް އަތޮޅުތެރޭގައި ފުލުހުންދަނީ ހިންގަމުންދާއިރު، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މިދިޔަ މަހު ވެސް ވަނީ ކުރިއަށް ގެންގޮސްފިއެވެ. އެ ޕްރޮގްރާމްގައި ދަރިވަރުންނަށް މައުލޫމާތު ދީފައިވަނީ ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ގުޅޭގޮތުންނެވެ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ތެރެއިން 280 ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ލ. ގަން އިހައްދޫ ސްކޫލުގެ ކަބް ސްކައުޓުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކާއި ލ. އިސްދޫ ސްކޫލުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ޓީމް ބިލްޑިންގ ސެޝަނެއް ވެސް މިއަހަރުގެ ފެބްރުއަރީ މަހު ފުލުހުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ސްކޫލުގެ އެދުމުގެ މަތިން ކަބް ސްކައުޓްގައި ހިމެނޭ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 30 ކުދިން ބައިވެރިވެފައިވާއިރު، ޖުމްލަ 37 ޓީޗަރުން ބައިވެރި ވެފައި ވެެއެވެ. ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން އިސްދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ އެ މި ސެޝަންގައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިއްމު ކަމާއި ބެހޭ ގޮތުންނާއި ޓީމެއްގެ ތެރޭގައި ލީޑަރު އަދާކުރާ ދައުރާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެކްސަސައިޒްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top