ކޮވިޑް-19 އާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ސަރުކާރުން ދޭން ވައުދުވި "ފްރަންޓްލައިން އެލަވަންސް" ބައެއް ވޮލެންޓިއަރުންނަށާއި އަދި މުވައްޒަފުންނަށް ވެސް ނުލިބި އެތައް މަހެއް ފާއިތުވެގެން ގޮސްފައި ވާތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއެޗްޕީޔޫ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ލަސްކުރުމެއް ނެތި ކޮންމެ މުވައްޒަފަކަށް ވެސް އެމުވައްޒަފަކު ކުރި މަސައްކަތެއްގެ އުޖޫރަ ލިބުން އެއީ ޙައްޤެއް ކަމަށެވެ. ނަމަވެސް އެޙައްޤު ބައެއް ފަރާތްތަކަށް ނުލިބޭކަން ކަންބޮޑުވުމާއިއެކު ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
"ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ވޮލެންޓިއަރުންނާއި އެހެނިހެން މުވައްޒަފުން ދަނީ ދުވާލަކު ހަގަޑިއިރާއި ދިހަގަޑިއިރާއި ދެމެދުގެ ވަގުތެއްގައި މަސައްކަތް ކުރަމުންނެވެ. ވޮލެންޓިއަރުން ވެސް މަސައްކަތް ކުރަމުން ދަނީ މުވައްޒަފުންނާއި އެއްގޮތައް ޑިއުޓީއަށް ރިޕޯޓް ކޮށްގެންނެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
ސަރުކާރުން ދޭން ވައުދުވެފައިވާ ފްރަންޓްލައިން އެލަވަންސް ވޮލެންޓިއަރުންނަށް ވެސް ލިބެން ޖެހޭ ގޮތައް އުސޫލުތައް ހަމަޖެހިފައި އޮތް ނަމަވެސް ބުރަ މަސައްކަތް ކުރާ ވޮލެންޓިއަރުންނަށާއި އަދި ފުރަތަމަ ސަފުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށް ވެސް ސަރުކާރުން ވައުދުވެފައި އޮތްގޮތައް އެލަވަންސް ނުލިބޭތާ އެތައް މަހެއް ވެފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ވަނީ އެލަވަންސް ދޭން ހަމަޖެހިފައި އޮންނަ ތާރީޚްގައި އެލަވަންސްތައް ދިނުމަށް ގޮވާލާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުން ތިން ގިންތިއަކަށް ބަހާލައިގެން އެލަވަންސް ދޭން ސަރުކާރުން ވަނީ ވައުދުވެފައެވެ. އެންމެ ބޮޑަށް ބަލި މީހުންނާއި ބައްދަލު ކުރަން ޖެހޭ މީހުންނަށް ދުވާލަކު 500ރ. އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް 250ރ. ލޯ ރިސްކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދުވާލަކަށް 200ރ. އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެލަވަންސް ނުލިބިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުން މީގެ ކުރިން ވެސް އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.







