ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުން ފުވައްމުލަކު ލައިބްރަރީ އަށް 400 އަށްވުރެ ގިނަ ފޮތް ހަދިޔާކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ އިނގިރޭސި، ދިވެހި އަދި ދީނީ ފޮތްތަކުގެ އިތުރުން އޭލެވެލް އިން މަތީގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހިމެނޭހެން، މި ޕްރޮޖެކްޓްގެ ދަށުން އެކި އުމުރު ފުރާތަކާ ގުޅޭ 400 އަށް ވުރެ ގިނަ ފޮތް ހަދިޔާ ކޮށްފައިވާ ކަމަށެވެ.
ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ފާތިމަތު ރަޝީދު ވިދާޅުވީ، ފުވައްމުލަކުގައި 2464 ދަރިވަރުން އެކި ގްރޭޑް ތަކުގައި ކިޔަވަމުން އަންނަ ކަމަށެވެ. އަދި ރަށުގައި ގާއިމުކުރެވިފައިވާ ކޮލެޖް ކެމްޕަސްގައިވެސް 500 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު ރަށުގައި ލައިބްރަރީއެއް ނުވަތަ ރަނގަޅު ފެންވަރުގެ ފޮތް ވިއްކާ ފިހާރައެއް ނެތުމުގެ ސަބަބުން ގިނަ ކުދިން ކިޔެވުމުގެ މާހައުލުގައި ބޭނުންވާ އިތުރު މައުލޫމާތު ހޯދައި، ދެނެގަތުމަށް ފޮތް ކިޔުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ކަމުން އަމާޒަކަށް ވީ މި ފުރުސަތު ހުރިހާ ކުދިންނަށްވެސް ފަހިކޮށްދިނުން ކަމަށް ފާތުމަތު ވިދާޅުވި އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
With a wide array of books donated to the library, Fathimath hopes it provides an equal opportunity for all children to gain access to knowledge and instill a love of reading in everyone, from the very young to the elderly. pic.twitter.com/HAPbHekRcg
— Bank of Maldives (@bankofmaldives) April 17, 2021
ފުވައްމުލަކުގެ މި ލައިބްރަރީ މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.
މީގެ އިތުރުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 100 އަށް ވުރެ ގިނަ ރަށްރަށުގެ ޖަމިއްޔާތަކާއި އާންމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.






