16 މިލިއަން ރުފިޔާއިން ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ނުފެށޭނެކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިސަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ އިޤްތިސާދީ ކޮމިޓީން ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ބޭއްވި އޮންލައިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މިބައްދަލުވުމުގައި މިނިސްޓަރ ނަހުލާ ވަނީ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފަ އެވެ.
އެގޮތުން އެކަމަނާ ވިދާޅުވެފައިވަނީ މިނީ ބަހުގެ ދަތުރުތަކުގެ މަސްރޫއުއަކީ ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއްކަމުގައެވެ. އަދި ކައިރި މުސްތަޤްބަލެއްގައި އެފަދަ ބަސްތަކެއް ބޭނުން ކޮށްގެން ޓްރާންސްޕޯޓްގެ ހިދުމަތް ފަށައިގަތުމަށް އެހީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީއާއެކު ކުރެވުނު މަސައްކަތުން އެކުވެރި އިންޑިއާގެ އެހީތެރިކަމަށް އެދިފައިވާކަމަށް އެކަމަނާ ވިދާޅުވި އެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން މަސައްކަތްތަކެއް ރޭވެމުންއަންނަކަން ފާހަގަ ކުރެއްވި އެވެ.






