ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 15 ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.
އެގޮތުން މި މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވަނީ ދުނިޔޭގެ އެކިގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ނުރައްކާ އާ ގުޅިގެން މިދިޔަ އަހަރުގެ މާޗް 12 އިން ފެށިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމި ނަމަވެސް ރާއްޖޭގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިދިޔަ އަހަރުގެ މާޗް 12 އިން ފެށިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ގަރާރުގައި ވިދާޅުވެފައިވެއެވެ.
ކޮވިޑްގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތެރިކަން ކުޑަކޮށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލް ކުރެވޭކަމަށް ލަފާ ދެއްވާފައިވުމުން އެގޮތަށް އަމަލުކުރަމުން ގެންދާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.






