ކޮވިޑު ބަލީގައި ހާލު ގޯސްވެގެން ގއ. ދާންދޫން މާލެ ގެނައި ޒުވާނަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެއީ އުމުރުން 28 އަހަރުގެ ޒުވާން އަންހެނެކެވެ. އޭނާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ފަރުވާދެމުން ދަނިކޮށް، ފަތިހުގެ ވަގުތެއްގައެވެ.
މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 181 ވަނަ މީހާއެވެ. އަދި މިއަދު ނިޔާވި 3 ވަނަ މީހާއެވެ. މިބަލީގައި ދެން މިއަދު ނިޔާވީ ވެސް ދެ އަންހެނުންނެވެ. އެއީ އުމުރުން 79 އަހަރުގެ މީހަކާއި، 72 އަހަރުގެ މީހެކެވެ.
މިއާއިއެކު މިބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު މިވަނީ 19 އަށް އަރާފައެވެ.
ރާއްޖޭއިން މިހާތަނަށް 66،948 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ 21،032 މީހުން ތިބިއިރު، މިހާތަނަށް 47،730 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފަ އެވެ.







