ކޮންމެ ރައްޔިތަކުވެސް، ދިރިއުޅުމާއިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ، ޤުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމާއި އެކު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
މި ޚިޠާބުގައި ރައީސް ސޯލިހް ވަނީ ދިވެހި ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ ޤުދުރަތީ މާޙައުލަށްކަމުގައި ފާހަގަކުރައްވާ، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުންނާއި، މަސްވެރިކަމާއި، އަދި ދަނޑުވެރިކަމުގެ ޞިނާޢަތްތަކުގެ ނަފާ ލިބެމުންދާނީ، އަދި ކުރިމަގުގެ ޖީލުތަކަށް މިޞިނާޢަތްތައް ފޯރުކޮށްދެވޭނީ، މާޙައުލީ ނިޒާމު ރައްކާތެރިކޮށް ޙިމާޔަތްކޮށްގެންކަމަށް ވެސް ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން، އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމަކީ ރާއްޖެކަމުގައި ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.
ރައީސް ފޮނުއްވި ޚިޠާބުގައި، އެމަނިކުފާނު ވަނީ މިއަހަރުގެ ތިމާވެށީގެ ދުވަހަށް، އދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާފައިވާ ޝިޢާރު "މާޙައުލީ ނިޒާމު އިޢާދަކުރުން" މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ. އެގޮތުން މާޙައުލީ ނިޒާމު އިޢާދަކުރުމަކީ، ގެއްލުން ލިބިފައިވާ ނުވަތަ ހަލާކުވެފައިވާ މާޙައުލީ ނިޒާމު، އަލުން އޭގެ ޠަބީޢީ ޙާލަތަށް އެނބުރި އިޢާދަކުރުމުގައި އެހީތެރިވުންކަމަށާއި، އަދި ގެއްލުމެއް ނުލިބި ހުރި މާޙައުލީ ނިޒާމުތަކަށް، އިތުރު ގެއްލުމެއް ލިބުނަ ނުދީ ޙިމާޔަތްކޮށް ރައްކައުތެރިކުރުންކަމުގައި އެމަނިކުފާނު ތަފްޞީލުކޮށް ވިދާޅުވެދެއްވިއެވެ.
މިއަދުގެ ޚިޠާބުގައި ރައީސް ވަނީ ރާއްޖޭގެ މާޙައުލީ ނިޒާމު ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެކަން ހާޞިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ތަފްޞީލީގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.
މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާގައި އެކި ގޮތްގޮތުން ޙަރަކާތްތެރިވަމުން އަންނަ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްކުރަމުން އަންނަ އެންމެހައި ފަރާތްތަކަށްވެސް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.






