ރާއްޖޭގެ މަޝްހޫރު ސުޕާރ މާރޓް ކަމަށްވާ ވީބީ މަރޓްގެ މާފަންނު ފިހާރަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އުސޫލާއި ހިލާފުވުމުން ބަންދުކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެ ފިހާރައިގައި ހަރުކޮށްފައިވާ "ބަންދު ނޯޓިސް" ގައި ބުނެފައި ވަނީ އެ ފިހާރަ ބަންދުކުރަން ނިންމާފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 ގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، އެޗްޕީއޭއިން ޢާންމުކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ޚިދުމަތްދެމުން ދާތީ ކަމަށެވެ.
"އަދި މިތަނުން ޚިދުމަތް ކުރިޔަށް ގެންދިއުމަށްޓަކައި ކޮވިޑް-19 އާއި ގުޅިގެން ޢާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ތަނުގެ ކަންކަން އިސްލާޙު ކުރުމަށްފަހު މި އޭޖެންސީގެ ނަމްބަރު 7264574 އަށް އެންގުމަށް ދަންނަވަމެވެ. އަދި މިގޮތަށް އެންގުމުން 24 ގަޑިއިރު ފަހުން ތަން އިންސްޕެކްޓްކޮށް މިންގަނޑުތަކާއި އެއްގޮތަށް ހުރިތޯ ކަށަވަރު ކުރުމަށްފަހު އުސޫލާ އެއްގޮތަށް ޚިދުމަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ އަލުން ދެވޭނެއެވެ." އެޗްޕީއޭގެ ބަންދު ނޯޓިސްގައި ވެއެވެ.
ވީބީ މާރޓް ބަންދުކުރަން އެޗްޕީއޭއިން ބަންދުކޮށްފައިވާއިރު އެ ކުންފުނީގެ ވިޔަފާރި ހިންގަމުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެންނެވެ. ޚާއްސަ ގޮތެއްގައި ކަސްޓަމަރުން ގިނަވެ ތޮއްޖެހުނަނުދީ ފިހާރައިން ޚިދުމަތް ހޯދޭގޮތަށް އިންތިޒާމް ހަމަޖައްސާފައި ވާއިރު، ކަސްޓަމަރުންނަށް ފިހާރައަށް ވަންނައިރާއި ނިކުންނައިރު ސެނެޓައިޒް ކުރެވޭނެ ގޮތްވެސް އެ ފިހާރައިން ހުރީ ހަމަޖައްސާފައެވެ.
އެޗްޕީއޭގެ އުސޫލު ބަޔާންކުރާ ގޮތުން އެ އޭޖެންސީން ބަންދުކުރާ ތަންތަން އަލުން ހުޅުވޭނީ، ބަންދުކުރެވޭ ވަގުތު ހަމަވުމަށްފަހު ޖެހިގެން އަންނަ 6 ގަޑިއުރު ތެރޭގައެވެ. މި 6 ގަޑިއިރު ގުނުމުގައި ރޭގަނޑު 10:00 އިން ފަތިހު 5:00 އާއި ދެމެދު ނުގުނޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ކުއްލިގޮތަކަށް ބަންދުކޮށްފައިވާއިރު، އެ އޭޖެންސީގެ އުސޫލުތަކާއި ފިޔަވަޅުތަކުގައި ހަރުދަނާކަމެއް ނެތުމުން ކުރިންވެސް ގިނަބައެއްގެ ފާޑުކިޔުން އެ އޭޖެންސީއަށް ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ކަންކަން، އެކަށީގެންވާ ގޮތެއްގައި އެ އޭޖެންސީއަށް ނުބެލެހެއްޓޭކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.






