ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖެއަށް ލިބޭނީ ޖުލައި މަހުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހާމަކޮށްފިއެވެ.
މިއަދު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ޖުލައި މަހު ރާއްޖެއަށް ލިބޭނީ ސިންގަޕޫރު ކުންފުންޏަކާ ގައްނަން ހަވާލުކުރި 7 ލައްކަ ވެކްސިންގެ ޑޯޒުތަކުގެ ތެރެއިން 5 ލައްކަ ޑޯޒު ވެކްސިން ކަމަށެވެ.
ރައީސް ވިދާޅުވީ، އެކުންފުންޏާއި އެކީ މިއަދު ބައްދަލުވުމެއް ބޭއްވުނު ކަމަށާއި ޖުލައި މަހުގެ ތެރޭގައި ވެކްސިންގެ 5 ލައްކަ ޑޯޒު ރާއްޖެއަށް ގެނެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ރަޝިއާގެ ވެކްސިން ކަމަށްވާ ސްޕުޓްނިިކް ވީ ރާއްޖެއަށް ގެނައުމަށް އެއްބަސްވުމެއްގައި ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ސޮއިކުރާތާ 4 ހަފްތާއެއްގެ ތެރޭގައި ރާއްޖެއަށް އެ ވެކްސިންގެ ދެލައްކާ ޑޯޒު ރާއްޖެއަށް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމެރިކާއިން ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާ ކަމަށާއި އެހެން ކަމުން މިމަހުގެ ތެރޭގައި އެގައުމުން ފޯރުކޮށްދޭ ވެކްސިން ލިބޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ. އެހެން ނަމަވެސް އެއީ އަދި ކޮން ވެކްސިނެއް ކަމެއް އެނގި ނުލައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ވެކްސިން ޖަހާފައިވާ މީހުންނަށް ބަލާއިރު، 311،740 މީހުން ހިމެނޭހެން އާބާދީގެ 70 އިންސައްތަ މީހުން ވަނީ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި 172،263 މީހަކު ވަނީ ދެވަނަ ޑޯޒު ޖަހާފައެވެ. އެއީ އާބާދީގެ 39 އިންސައްތައެވެ.






