Close

އައްޑޫ މީދޫގައި ކާޅު މެރުމަށް ސިފައިން ހަރަކާތްތެރި ވެއްޖެ

އައްޑޫ ސިޓީ މީދޫގައި ކާޅުތަކަށް ބަޑި ޖަހާ މެރުމަށް ސިފައިން މިއަދު ހަރަކާތްތެރި ވެއްޖެއެވެ.

މީދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެންޑީއެފް އިން ކާޅު މެރުމުގެ މަސައްކަތް ފެށިފައިވަނީ މީދޫގައި އުޅެމުންދާ ދޮންދީނި މަރައި ދޮންދީނީގެ ނަސްލަށް ގެއްލުން ދެމުންދާތީއެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އަދި މިހާތަނަށް ބަޑި ޖަހައި މެރިފައިވަނީ އެންމެ ކާޅެއް ކަމާއި އިތުރު ކާޅެއް މީދޫން ފެނިއްޖެނަމަ 9955334 އަދި 7789041 ނަންބަރު ފޯނަށް ގުޅައި މައުލޫމާތު ދިނުމަށް އެދޭކަމަށެވެ.

މިކަން ކުރިޔަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެންނެވެ.

ފަހަކަށް އައިސް އައްޑޫގައި ކާޅު އާލާ ވާން ފަށާފައިވަނީ ބައެއް މީހުން ދޭތެރެ ދޭތެރެއިން ކާޅު ގެނެސް ގެންގުޅުމާއި ގުޅިގެންނެވެ. މި ގޮތަށް ގެނެވިފައިވާ ކާޅުތައް ގިނަވެ ކާޅުތަކުގެ އުނދަގޫ ބޮޑުވެ ކާޅުތައް ދަނީ ދޮންދީނިތަކުގެ ނަސްލަށް ގެއްލުން ދެމުންނެވެ. އެގޮތުން ކުދި ދޮންދީނިތައް މަރައިގެން ކެއުމުގެ އިތުރުން ދޮންދީނި ހާލިތަކަށް ކާޅުތައް ދަނީ ހަމަލާދެމުންނެވެ.

ދޮންދީނިއަކީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ދޫންޏަކަށް ވުމުން އައްޑޫގައި ދޮންދީނި ހިމާޔަތް ކުރުމުގައި ދަނީ ބޮޑު ބާރެއް އަޅަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top