މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންބާއްވަން ހަމަޖެހިފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލު ކުއިޒް 2021" ޖުލައި މަހު ބާއްވަން ނިންމައިފިއެވެ.
އެމްއެމްސީން ބުނީ، މި ކުއިޒް ކުރިޔަށްދާނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 30ގެ ނިޔަލަށް ކަމަށެވެ.
"މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިޒް 2021" އަށް ރަޖިސްޓަރީވުމުގެ ދުވަސް ކައިރިވުމުން ރަސްމީގޮތެއްގައި އެކަން މީޑިއާ ކައުންސިލްގެ ފޭސްބުކް ޕޭޖް، އިންސްޓަރ ގްރާމް އަދި ޓްވިޓާ މެދުވެރިކޮށް އާންމުކުރާނެކަމަށް ވެސް އެބޭފުޅުން ވިދާޅުވެއެވެ. ހަމައެއާއެކު ކަނޑައެޅިފައިވާ މުއްދަތުގެ ތަރޭގައި ކުއިޒުގައި ބައިވެރިވުމަށް އަމަލުކުރަންޖެހޭ ގޮތްތަކަށް ފުރިހަމައަށް ތަވާބުމަށްވެސް މީޑިއާ ކައުންސިލުން އެދިވަޑައިގަންނަވައެވެ.
ހަމައެއާއެކު، ކުއިޒުގެ ސުވާލުތައް މީޑިއާ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި 1 ޖުލައި 2021 ހުން ފެށިގެން އެދުވަހެއްގެ ސުވާލުތައް އެދުވަހުގެ 13:00 ގައި ފޭސްބުކްގައި ޝާއިރުކުރެވޭނެކަމަށް ވެސް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.
އެމްއެމްސީން ބުނީ، މި ކުއިޒުން ރަނގަޅު ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް އަންނަ ފަރާތަކަށް 3,000 ރުފިޔާ، ދެވަނައަށް އަންނަ ފަރާތަކަށް 2,000 ރުފިޔާ އަދި ތިންވަނައަށް އަންނަ ފަރާތަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މީޑިއާ ކައުންސިލުން ކުރިޔަށް ގެންދާ ކުއިޒުގެ މަޤްޞަދަކީ މީޑިއާ ކައުންސިލުން ހިންގާ މައުލޫމާތާއި، ހިންގާ ހަރަކާތްތަކާއި އަދި މީޑިއާގެ އެހެނިހެން ކަންތައްތަކާއި މެދު އާންމުން ހޭލުންތެރިކުރުވުމެވެ. އަދި މީޑިއާ ކައުންސިލްގެ އާއްމު މައުލޫމާތާއި، މައްސަކަތާއި ގުޅޭގޮތުން އާންމު ރައްޔިތުންނަށް މައުލޫމާތު އެނގެނީ ކިހާވަރަކަށްތޯ ދެނެގަތުމެވެ.






