ކޮވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދޭން މިއަދު މަޝްވަރާތައް ފަށާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މިއަދު އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ކޮންޓްރޯލްވެ، މިކަމުން އަރައިގަނެވޭނެ ކަމުގެ ސިގްނަލްތައް ލިބެމުންދާ ކަމަށާއި ރައްޔިތުން މިކަމުގައި ދެމުންދާ އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށެވެ.
އަދި އައްޑޫ ސިޓީގައި ބަލި އޮތް މިންވަރު ދެނެގަތުމަށްޓަކާ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ސިއްހީ ފަރާތްތަކުން ކުރަމުންދާ ކަމަށާއި އެގޮތުން އިއްޔެ ވެސް 200 ސާމްޕަލް ނެގުނުއިރު މިއަދު އެއަށް ވުރެ ގިނަ ސާމްޕަލް ނެގި އޭގެ ނަތީޖާތަކުން އައްޑޫގެ ހާލަތު ވަރަށް ބޮޑަށް އަންދާޒާ ކުރެވިގެންދާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
"އައްޑޫގައި ވެސް އެބަ އޮވޭ އޭއީއޯސީއެއް، ޓާސްކްފޯހެއް އުފެދިފައި ވެސް އޮވޭ. މިކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކުން މަޝްވަރާކޮށްގެން، ހުށަހެޅުންތައް ހުށަހެޅުމުން އެޗްޕީއޭ އިން ގޮތެއް ނިންމާނީ. އެއީ ގާނޫނުގައި އެކަން އޮތް ގޮތް" ނިޒާރު ވިދާޅުވިއެވެ.
އެގޮތުން މިހާރު އެޅިފައި ހުރި ފިޔަވަޅުތަކަށް ލުއިދިނުމަށް މަޝްވަރާ މިއަދު ފަށާނެ ކަމަށާއި އެ މަޝްވަރާތަކުގެ ތެރެއިން ލުއިދެވޭނެ މުއްދަތެއް ކަނޑައެޅުމަށް ހަމަޖެހިފައިވާއިރު އެ ނިންމުންތައް ނިންމަނީ ހަމައެކަނި ކައުންސިލުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑް ކޭސްތައް ފެންނަމުންދާތީ އައްޑޫ ސިޓީގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ހިންގުން އިއުލާނުކޮއްފައި ވެއެވެ.އައްޑޫގައި މިވަގުތު ކޮވިޑްގެ 78 އެކްޓިވް ކޭސް އުޅޭއިރު، ބައްޔަށް ޕޮޒިޓިވްވި 238 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި ކޮވިޑް ފެސިލިޓީގައި އެކަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.






